އިދިކޮޅު ކޯލިޝަނުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހުވަދު އަތޮޅަށް ވަޑައިގެންފިއެވެ. ސެމްބެ އަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޓޭޓް ޑރ.މުހައްމަދު މުއިއްޒުގެ ރަނިންމޭޓް އެވެ.
ސެމްބެ ހުވަދު އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި، ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. އޭގެ އިތުރުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ޕީޕީއެމް، ޕީއެންސީގެ ސެނެޓް ބައެއް މެންބަރުން ވެސް މިދަތުރުފުޅުގައި ބައިވެރިވެއެވެ.
ސެމްބެ ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގަންނަވާނީ ކޮނޑޭ އަށެވެ. އެއަށްފަހު ކަނޑުހުޅުއަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު ދެން ވަޑައިގަންނަވާނީ ސެމްބެގެ އުފަންރަށް ކަމަށްވާ ފަރެސްމާތޮޑާ އަށެވެ. ފަރެސްމާތޮޑާގައި މިރޭ ކެމްޕޭން ޖަލްސާއެއް ބާއްވާނެއެވެ.





އެއަށްފަހު މާދަމާ ފިޔޯރީ، ރަތަފަންދޫ، ނަޑެއްލާ އަދި ތިނަދުއަށް ވަޑައިގަންނަވާނެއެވެ. ގއ.އާއި ގދ.ގެ އިތުރު ބައެއް ރަށްތަކަށް ވެސް ވަޑައިގަތުމަށްފަހު ސެމްބެ މާލެ ވަޑައިގަންނަވާނީ 19 ވަނަ ދުވަހު އެވެ.



