ރިޔާސީ އިންތިޚާބެއް ބޯމަތިވެފައި އޮތް މިދަނޑިވަޅުގައި ދިވެހި ހުރިހާ ރައްޔިތުންވެސް ގައުމާ މެދު ފިކުރުކުރަން ޖެހޭކަމަށާއި، ސިޔާސީ އިގްތިސާދީ ނުވަތަ ގައުމީ ނަޒަރަކުން ވިސްނާލިޔަސް މިސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް މުހައްމަދު ހުސައިން ލަތީފް (ސެމްބެ) ގެ ކެމްޕެއިނަށް މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފަރެސް މާތޮޑާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، ރައްޔިތުން ލާ ވޯޓަކުން، ރައްޔިތުންގެ ވެރިކަމެއް ޤާއިމުކޮށް ރައްޔިތުންނަށް މަންފާވާ ގޮތަށް ދިވެހި ޤައުމު ކުރިޔަށް ގެންދިޔުމަށް ބަޔަކާ ޙަވާލުކުރަނީ އެބަޔަކު ރައްޔިތުންނަށް ކޮށްދޭން ވަޢުދުވާ ކަންކަން ކޮށްދޭނެކަމަށް ބުނުމުން އެކަން ޤަބޫލުކޮށްގެން ކަމަށާއި، އެގޮތުން މިސަރުކާރުން ބުރިޖެއް އަޅާނަމޭ ވިދާޅުވިކަމަށެވެ.
ނަމަވެސް މިއަހަރު ޖުލައި މަހުގެ 31 ވަނަ ދުވަހު ދުއްވާ އެއްޗެއްސަށް އެ ބުރިޖުގެ މަތީގައި މާލެއިން ވިލިގިއްޔަށް ދެވޭނެ ވާހަކަ ވިދާޅުވިއެއްކަމަކު އެބޭފުޅުންގެ ވަޢުދު ހުރި ހިސާބު ލޮލަށް ފެންނަ ކޮންމެ މީހަކަށް ވަޒަންކުރެވޭނެހެން ފެންނަން އެބަހުރި ކަމަށެވެ.
“ ރައްޔިތުންނަކީ އެއްވެސް ބައެއްކަމަށް އެބޭފުޅުން ދެކެވަޑައިނުގަންނަވާ. ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދަކީ ފުއްދަންޖެހޭ ކަމެއްކަމަކަށް ދެކެވަޑައެއް ނުގަންނަވާ “ ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ މިސަރުކާރުގެ ޙާލަތު އެންމެންނަށް އެބަ އެނގޭކަމަށާއި، އެއްދުވަހުން ދެ ދުވަހުން އަދި ސަތޭކަ ދުވަހުން ނުވަތަ ދައުރުގެ ތެރޭގައި ކޮށްދެއްވާނެކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވަޢުދުތަކުގެ ޙާލަތުވެސް އެންމެންނަށް އެބަ އެނގޭކަމަށެވެ.
