ކަރިކިއުލަމްގެ ނަގަން ޖެހޭ ފިލާވަޅުތައް ނަގައި ހަމަކޮށްގެން 2025ގެ ޖެނުއަރީން ފެށިގެން އަހަރުގެ ފަހުކޮޅަށް ބޮޑުޗުއްޓީ ބަދަލުކުރެވޭނެކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިގޮތަށް ވިދާޅުވެފައި ވަނީ މި ސަރުކާރުން 2021 ވަނަ އަހަރުން ފެށިގެން ސުކޫލްތަކުގެ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައި އޮތުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީއެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ސްކޫލްތަކުގެ ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަކީ ސަރުކާރުން ރައްޔިތުންގެ އިހުސާސްތަކަށް ނުވިސްނާ ކޮށްފައިވާ ކަމެއްކަމަށެވެ.
އަދި ބޮޑު ޗުއްޓީ ޖުލައި މަހުގެ ތެރެއަށް ބަދަލުކުރުމުން ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސް ދުވަސްތަކާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
“ އެ ބަދަލުގެ ސަބަބުން ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. ދަތުރުފަތުރެއް ނުކުރެވޭ. ބޭނުމެއް ނުކުރެވޭ،” މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ދުވަސްވަރާ މިނިވަން ދުވަހާ ދިމާވުމުން، ސްކޫލްތަކުން މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުން މާލޭގައި މަޑުކުރަން ޖެހުމަކީ ވެސް ގިނަބައެއްގެ ކަންބޮޑުވުމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރުމުން ގިނަ ބަޔަކަށް އަނެއްކާ ވެސް ފައިދާވާނެކަމަށާއި އަދި އެއީ އޭނާގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ސިޔާސަތެއްކަމަށް ވެސް ވިދާޅުވިއެވެ.



