ދަރިމައިވުމުގެ މައްސަލަ އަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އައިވީއެފްގެ ޚިދުމަތް ހޯދުމަށް އާންމު ރައްޔިތުންގެ އަތުން ދާ ޚަރަދުތަކަށް ނިމުން ގެނެސް އެޚިދުމަތަކީ އާސަންދައިގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހަދާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުޑަހުވަދޫގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިއްހީ ދާއިރާ ހިމެނޭ ގޮތަށް ހުރިހާ ދާއިރާއަކުން ތަރައްގީ ގެނެސް ދިނުމުގައި އިންގިލާބީ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސީ އެމްބިއުލާންސް ތައާރަފުކުރެއްވީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށާއި ޑރ މުއިއްޒުގެ ވެރިކަމެއްގައި ރާއްޖެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ ހިދުމަތް ދޭނީ ސީޕްލޭނެއް މެދުވެރިކޮށެވެ. އެ ސީޕްލޭންއަކީ “ފުލީ އިކުއިޕައިޑް” އެއާ އެމްބިއުލާންސްއަކަށް ބަދަލު ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެއް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އެ ހޮސްޕިޓަލް ކަމުނުގޮސްގެން އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރާ އިރު، ފީއެއް ނަގަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންވެ، ހޮސްޕިޓަލް ބަދަލު ކުރަން ޖެހޭ ހާލަތުގައި ކުރަން ޖެހޭ ހަރަދު ވެސް އާސަންދައިގެ ތެރެއިން ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.



