އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު މ ވޭވަށަށް މުހިންމު ވައުދުތަކެއް ވެވަޑައިގެންފިއެވެ.
އެގޮތުން ރިޔާސީ ކެމްޕެއިނުގައި މިއަދު ވޭވަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ މުއިއްޒު ވިދާޅުވީ މ. ވޭވަށުގެ މަސްވެރިންނަށް ހާއްސަކޮށް އެރަށުގައި މަސްވެރި ބަނދަރެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ ނެރު ބަދަލުކޮށްދެއްވާނެ ކަމަށާއި ރަށުގައި އިޖުތިމާއީ މަރުކަޒެއް ގާއިމުކޮށްދެއްވުމަށް އިސްކަމެއް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮންމެ ރަށެއްގައިވެސް އެކަށީގެންވާ ހިދުމަތް ލިބޭ ސިއްހީ ނިޒާމެއް ގާއިމުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި މުއިއްޒު ވަނީ އެރަށުގެ ސިއްހީ ނިޒާމު އަޕްގްރޭޑް ކުރުމަށް ވައުދުވެވަޑައިގެންފަ އެވެ.




އަދި އޭނާގެ ވެރިކަމެއްގައި ޒުވާނުންނަށް އިސްކަން ދެއްވާނެކަމަށް އަލިއަޅުއްވާލައި މުއިއްޒު ވަނީ އެރަށުގައި ފުޓްސަލް ދަނޑެއް އަޅަން ވެސް ވައުދުވެވަޑައިގެންފަ އެވެ.
ވޭވަށުގެ ގެދޮރުގެ މައްސަލަ ހައްލު ކުރެވެން އޮތީ ބިން ހިއްކައިގެން ކަމަށް ވާނަމަ އެކަންވެސް ކޮށްދެއްވުމަށް މުއިއްޒު ވައުދުވެވަޑައިގަތެވެ.



