މަސްވެރިކަން ކުރާ އުޅަނދުފަހަރު ބަނުމަށް ގެންނަ ތަކެތިން ޑިއުޓީ ކަނޑާލާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއްޖެއެވެ.
ފ ނިލަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މަސްވެރިންނަކީ ބުރަ މުހިންމު މަސައްކަތެއް ކުރާ ބައެއް ކަމަށާއި އޭނާގެ ވެރިކަމެއްގައި މަސްވެރިންގެ ބޭނުންތަކަށް އިސްކަމެއް ދެއްވައިގެން އެކަންކަން ފުރިހަމަ ކޮށް ދެއްވާނެ ކަމަށެވެ.
އަދި ދ އަތޮޅުގެ މާދަލީގައި ސަރަހައްދީ ފެންވަރުގައި މަސްކިރާ މަސް ބަނދުކުރާ ކާރުހާނައެއް ޤާއިމު ކުރާނެ ކަމަށެވެ.
މީގެ އިތުރުން މަސްވރިންނަށް ޙާއްސަ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދާ، މިފްކޯގެ ޙިއްސާދާރަކަށް އެ ސޮސައިޓީ ހަދައި މިފްކޯގެ ބޯޑް އޮފް ޑިރެކްޓަރުންގެ ތެރޭގައި އެ ސޮސައިޓީގެ މެންބަރަކު ހިމަނައި މިފްކޯއަށް ލިބޭ ފައިދާއިން މަސްވެރިންނަށް ސީދާ މަންފާ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
އަދި ފ .އަތޮޅު ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް މަގޫދޫ ފަޅުތެރެ ހިއްކައިގެން 3 ރިޒޯޓް ތަރައްޤިކޮށްދޭނެ ކަމަށާއި އެގޮތުން މި 3 ރިޒޯޓުގެ ލޭންޑް ރެވެނިއުއިން ލިބޭ އާމްދަނީގެ ފައިދާ ފ އަތޮޅުގެ ހުރިހާ ރަށަކަށްވެސް ލިބޭނެ މަގު ފަހިކޮށްދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.



