ރާއްޖޭގެ ކޮންމެ ފެކްޓަރީއަކަށް، އެއީ ޕްރައިވެޓް ފެކްޓަރީއަކަށްވިޔަސް ކަންނެލި ގަންނަ އެންމެ ދަށް އަގަކީ 80 ރުފިޔާ ކަމަށް ހަދައިދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އޭ ގްރޭޑް ކަންނެލި ގަންނަ އެންމެ ދަށް އަގަކީ -/100 ރުފިޔާ އަށް ހެދުމަކީ މަޤްޞަދެއް ކަމަށާއި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
މިފްކޯއިން ބޮޑުކަންނެލި ގަންނަންފަށާނެކަމާއި، މިފްކޯ ލިސްޓެޑް ކުންފުންޏަކަށް ބަދަލުކޮށް ބޮޑުކަންނެލި މަސްވެރިންގެ ހިއްސާއޮންނަ ކުންފުންޏަކަށް ބަދަލުކުރާނެކަމަށް ޑރ.މުއިއްޒު އިއުލާން ކުރެއްވިއެވެ.
އަދި ހާއްސަގޮތެއްގައި މަސްވެރިންނަށް ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ފުރުޞަތު ދެއްވައިފިނަމަ، އިރާދަކުރެއްވިއްޔާ ޤައުމުގެ އިޤްތިޞާދު ވަރުގަދަކޮށްގެން، އިޤުތިޞާދުގަ ބުންވަރު ޖައްސަދީގެން، މިޤައުމު މިހާރު ވައްޓާލާފައި މިވާ ދަރަނި ދަންތުރައިން ޤައުމު ސަލާމަތްކޮށްދީ، ރައްޔިތުން އެދޭ އިޤްތިޞާދީ، ޢުމްރާނީ، އިޖުތިމާއީ މަޝްރޫޢުތައް ހިންގައިދީ، ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ތަރުތީބުކޮށްގެން އެކަންކަންސަރުކާރަށް ކުރެވެން އޮތް އެންމެ ފުރިހަމަ މިނެއްގައި އެންމެ ބާރު މިނެއްގައި ކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަން” މުއިއްޒު ވިދާޅުވިއެވެ.



