ފައިސާގައި ޖެހި ނަފްސު ވިއްކާލުމަކީ އެއީ، ތަރައްގީއަށް އެޅޭ ހުރަހެއްކަމަށާއި ވިސްނުމާއި ކުރިއަށް ދިއުމުގެ އެތައް ހަރުފަހަތަކަށް އެޅޭ ހުރަހެއް ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނުގައި މިވަގުތު ޑރ މުއިއްޒު ހުންނެވީ ވ އަތޮޅުގައެވެ. ވ އަތޮޅުގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރުކަންވެސް ކުރައްވަމުން ގެންދަވާ ޑރ މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބާއި ދިމާކޮށް އެންމެ އާންމު އެއް މަންޒަރަކީ، ފައިސާ ބަހައި ނުފޫޒެއްގައި ޖެއްސުމަށް ކުރާ މަސައްކަތް ނަމަވެސް ވަގުތީ އުފަލަކަށް ގައުމީ މަސްލަހަތު ނަގާނުލުމަށް އެދޭ ކަމަށެވެ.
އަދި ފައިސާތައް ބަހައި ވަކި ގޮތަކަށް ވޯޓު ދޭން ޝަރުތު ކުރުމަކީ އާންމުކަމެއްކަމަށާއި، ލިބިގެންވާ ހައްގެއްގެ ދަށުން ލާ ވޯޓަކަށް ހިޔާނަތް ނުވުމަށް އެދޭ ކަމަށެވެ. މިިއީ ގައުމުގެ ކުރިމަގާއި، މުސްތަގުބަލަށް އެޅޭ ހުރަހެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގައުމާއި މެދު ނުވިސްނައި ދޭ ވޯޓެއްގެ ސަބަބުން، އެކަމާ ހިތަމާ ކުރަން ޖެހޭ ފަދަ ހާލަތު އަންނާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި މި ސަރުކާރު ނަންގަވައި މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ވީ ވައުދުގެ ތަރައްގީ ގެނެސްދެވިފައި ނެތް ކަމަށެވެ. އެހެންކަމުން ދެން ވެސް އިތުރަށް އެގޮތުގައި ކުރިޔަށް ދާންވީތޯ އޭނާ ސުވާލު ކުރެއްވި އެވެ.
މީގެއިތުރުން މުއިއްޒު ވިދާޅުވީ ޕީޕީއެމަކީ ތަރައްގީ ގެންނާނެ، ތަރައްގީއާއި ރައްޓެހި ޕާޓީއެއްކަމަށާއި އެހެން ރައީސް ޔާމީންގެ ފަސް އަހަރުން ވެސް ސާފުވާނެ ކަމަށެވެ.



