ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް ތަޅާލާ، އާފްލެޓްތަކެއް އަޅާދިނުމަކީ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ޗެޕްޓަރ ހަތަރެއް އިފުތިތާހު ކުރައްވަމުން ޑރ މުއިއްޒު ވިދާޅުވީ މާލެ އަދި ވިލިމާލޭގައި ހުރި ސިނަމާލެ، މާލެހިޔާ ފްލެޓްތައް ހުރީ މިހާރު މީހުން ދިރިއުޅެން ހެޔޮނުވާ ވަރަށް ހަލާކުވެފައި ކަމަށެވެ. އެހެންކަމުން ޑރ މުއިއްޒުގެ ވެރިކަމެއްގައި އެތަންތަން ތަޅާލާ ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށާއި ވީހާވެސް ގިނަ ދުވަހަކަށް އެފްލެޓްތަކުގެ ވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.
އަދި މާލޭގައި ހުރި، އެދެވޭގޮތުގައި ބޭނުންނުހިފޭ ބިންތައް ހުސްކޮށް 2000 ހައުސިންގ ޔުނިޓު ޤާއިމުކޮށް، ފުލެޓަށް އެދޭ މާލެ ސިޓީގެ ރަށްވެހިންނަށް ފޯރުކޮށްދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ވިލިމާލޭގައި ޢާންމު ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމާއި، ވިލިމާލޭގެ ފެހި، ހިތްގައިމު، އިންޖީނުލީ އުޅަނދު ނުދުއްވާ މާޙައުލު ދެމެހެއްޓުމާއެކު، ފެނާއި ނަރުދަމާއާއި ކަރަންޓް ކެރިއިންގ ކެޕޭސިޓީ ދެގުނައަށް އިތުރުކޮށް، އަދި، ސްކޫލު، މިސްކިތް ފަދަ ތަންތަން އާބާތުރަފިލުވައި، ޚިދުމަތް އިތުރަށް ފުޅާކުރުންވެސް މެނިފެސްޓޯގައި ހިމެނެއެވެ.
މާލޭ ސިޓީގެ އެކި ސަރަޙައްދުތަކުގައި ޕާކިންގ ބިލްޑިންގ އަޅައި، ދިމާވެފައިވާ ޕާކުކުރުމުގެ ދަތިކަމަށް ބޮޑު ޙައްލެއް ހޯދައިދިނުން ވެސް ޑރ މުއިއްޒު ވަނީ ހިމަނާފައެވެ.



