ކަނބަލުންނަށް ހާއްސަ 100 މިލިޔަން ރުފިޔާގެ ސްޓާޓް އަޕް ލޯން ސްކީމެއް ތައާރަފު ކުރާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީގެ ހިތަދޫގައި ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވިދާޅުވީ ޓޮޕް މެނޭޖްމަންޓްގައި ކަނބަލުންނަށް ލިބޭ ފުރުޞަތުތައް އިތުރު ކުރާނެ ކަމަށެވެ. އަދި ޑޭ ކެއަރ ސެންޓަރތަކަށް ސަރުކާރުން އެހީތެރިވެދީގެން، އެތަންތަން ހަރުދަނާ ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމުކޮށްދޭނެ ކަމަށެވެ.
“ ކަނބަލުން އުފެއްދުންތެރިކަމުގެ ބާވަތްތައް މާރކެޓްކޮށް ވިއްކާނެ ކަނބަލުންގެ މާކެޓްތަކެއް ރާއްޖޭގެ ހުރިހައި ސިޓީއެއްގައި ޤާއިމުކޮށްދޭނަން” މުއިއްޒު ވިދާޅުވިއެވެ.
ގްލޯބަލް އީކޮމާރސްގެ ތެރޭގައި ހިމެނޭ ސެލަރ އެކައުންޓްތައް ކްރިއޭޓް ކުރެވޭނެ ގޮތް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ހަދައިދޭނެ ކަމަށް ވެސް މާލޭ ސިޓީގެ މޭޔަރު ކަންވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވިދާޅުވިއެވެ.
“އިންޓަރނެޓް ވިޔަފާރިއަށް ފަސޭހަ، އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކަށް އިރާދަ ކުރެއްވިއްޔާ ތަޢާރަފް ކުރާނަން” ޑރ. މުޢިއްޒު ވިދާޅުވިއެވެ.



