ށ އަދި ނ އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ފުރައިވަޑައިގެންފިިއެވެ.
އެގޮތުން ޑރ މުއިއްޒުގެ މިދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ށ ކަނޑިތީމަށެވެ. އެއަށްފަހު ފޭދޫ، ކޮމަންޑޫ، މިލަންދޫ، ފޯކައިދޫ، އަދި ފުނަދޫއަށް ވަޑައިގަންނަވާނެއެވެ.
އަދި މިރޭ ޑރ މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއަށް ވެސް ށ ފުނަދޫގައި އޮންނާނެއެވެ.

ބުރާސްފަތި ދުވަހު އެންމެ ފުރަތަމަ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ވަޑައިގަންނަވާނީ ނ ކެނދިކުޅުދޫއަށެވެ. އެއަށްފަހު މިލަދޫ، މަނަދޫ، ހޮޅުދޫ އަދި ވެލިދޫއަށް ވަޑައިގަންނަވާނެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ވެލުދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިދިކޮޅުން ހާމަކުރެއެވެ.

ޑރ މުއިއްޒު ވަނީ މީގެ ކުރިން ރިޔާސީ ކެމްޕެއިނުގައި އައްޑޫ ސިޓީ، މ، ފ، ދ، އަދި ކ އަތޮޅުގެ އިރުން ހދ، ހއ ގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.



