މިސަރުކާރުން ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ގެންދާ ސްޕީޑް ވަރަށް ލަސް ކަމަށާއި އެހެންވީމާ މަތިކޮމަންޑޫ ހިއްކައި، މިދެ ރަށް ގުޅާލުމުގެ މަސައްކަތް އަވަސް ކުރަންޖެހޭ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ ކޮމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ބުރިޖާއެކީގަ ހިއްކާ ބިމާއެކީ، މަތިކޮމަންޑޫއަކީ ހުރިހާ ރައްޔިތުންނާއި ޒުވާނުންނާއި، ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތަށް، ރައްޔިތުންގެ އަޑުއަހައިގެން، އެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސް ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ.
“ އަޅުގަނޑު ދޭ ޔަޤީންކަމަކީ، ރައީސް ޔާމީން ވެސް ކޮމަންޑޫ ބައި އިލެކްޝަންގައި މި ރަށުގައި އިޢުލާނުކުރެއްވި، ދިގުވެލިދޫ އެއަރޕޯޓެއް ތަރައްޤީ ކޮށްދިނުން. އަދި އެކަން ކުރުމަށް މިހާރު ހުރި ހުރިހާ ހުރަހެއް ނައްތާލައިގެންނަމަވެސް އެ އެއަރޕޯޓް ޤާއިމުކޮށްދޭނަން” މުއިއްޒު ވިދާޅުވިއެވެ.





އަދި ސިއްހީ ޚިދުމަތް ފުޅާކުރަންވިޔަސް، ޒުވާނުންނަށް ބޭނުންވާ ފެސިލިޓީތައް ގާއިމްކުރަން ބޭނުންވާ ބިން އިތުރުކުރަންވިޔަސް، މިކަން އަވަހަށް ކުރަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ތަޢުލީމީ ނިޒާމަށް ގެންނަންޖެހޭ ކުރިއެރުން ކަމުގައިވިޔަސް، ސްކޫލް އިތުރުކޮށް ސްކޫލުގެ ޖާގަ އިތުރުކުރުން ކަމަށް ވިޔަސް ތަޢުލީމީ ޞިއްޙީ ޒުވާނުންނާ ގުޅިފައި ހުރި ހުރިހާ ކަންކަން ތަރުތީބުކޮށް، ރައްޔިތުން ބޭނުންވާގޮތަށް ކުރިޔަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން ޑރ މުއިއްޒު ދެއްވިއެވެ.



