މާލޭގައި އެންމެ ބޮޑު އެއް މައްސަލައަކީ ހައުސިންގ ގެ އިތުރުން ޕާކިންގެ މައސަލަ ކަމަށާއި ރައްޔިތުން އޭނާ އިންތިހާބުކޮށްފިނަމަ ގަރާޖު ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ގެންނަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ ފުނަދޫގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ގަރާޖު ސިޓީގެ މައްސަލައަކީ ސިޓީ ކައުންސިލުން އެކަން ޙައްލުކުރަން އުޅެ ސަރުކާރުން ހުއްޓުވާފައިވާ ކަމެއް ކަމަށެވެ. އެހެންވީމާ، ރައްޔިތުން އޭނާއަށް އިތުބާރުކޮށް ސަރުކާރު ޙަވާލުކޮށްފިނަމަ، މިހާރު ސިޓީ ކައުންސިލުން ޕްލޭންކޮށްފައިވާ ގޮތަށް މާލޭގެ 6 ސަރަޙައްދެއްގައި ޕާކިންގ ބިލްޑިންގ އަޅައިދީ ޕާކިންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.





އަދި ޕާކް ކުރާނެ ތަނެއް ނުދައްކާ ސްޓިކަރ ނުޖަހަން ވައުދުވި ސަރުކާރުން، މަގުމަތީ ޕާކުކޮށްފަ ހުންނަ ސައިކަލް ފަދަ ތަކެތީގައި ސްޓިކަރ ޖަހާ ޖަހާ ގޮސް ކޮންމެ ޒުވާނެއްގެ ބޮލަށް އެތައް ހާސް ރުފިޔާއެއް އަރާ، އެތައް ބަޔަކު ޖޫރިމަނާވެފައިވާ ޑރ މުއިއްޒު ވިދާޅުވިއެވެ.
“ އެކަމަށް ޙައްލު ގެނެވެން އޮތް ކަމެއް ނުކޮށް ޖުރިމަނާ ކުރުން އެއީ އެއްވެސް އިންސާފެއް ނޫން، އެއީ ޢަދުލުވެރިކަމެއްވެސް ނޫން. އަޅުގަނޑުމެން މިއަންނަނީ ޢަދުލުވެރި އިންސާފުވެރި ވެރިކަމެއް ކުރަން. އެހެންވީމާ، މި ޖޫރިމަނާ ޕާކިންގ ޖޫރިމަނާ އެއްކޮށް އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުންނަށް މަޢާފުކޮށްދޭނަން” މުއިއްޒު ވިދާޅުވިއެވެ.



