ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޑރ މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވާ ރިޔާސީ ބަހުސްގައި ޑރ މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އަދި މިބަހުސްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ޑރ މުއިއްޒަށް ފޮނުއްވީ މިމަހުގެ 22 ވަނަ ދުވަހު ކަމަށާއި ހަމައެދުވަހު އެމަނިކުފާނު އެ ދައުވަތު ގަބޫލު ކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.



