އަޅުގަނޑުމެންގެ ސަރުކާރެއްގައި ފެންނާނީ އިސްރާފުކުރުން ހުއްޓާލައި، ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް މަސައްކަތްކުރާތަން ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެލިދޫގައި ރޭ އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ކުރިއަށް މިއޮތް 15 ދުވަހު ވަޒީފާއަށް ބިރުނުގަނެ ނިކުމެވަޑައިގެންނެވުމަށް އެދޭ ކަމަށާއި ވަޒީފާއިން ވަކިކޮއްފިއްޔާ އެ ވަޒީފާއެއް އަނބުރާ ހޯދައިދޭނެ ކަމަށެވެ.
އަދި މި ސަރުކާރުން ވަޒީފާގެ ބިރުދެއްކުމަކީ ޑިކްޓޭޓާޝިޕްގެ އަމަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑރ މުއިއްޒު އިތުރަށް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އިސްލާމީ ހަމަތަކުގެ މަތިން ފަރުވާދެވިގެން އަނބުރާ މުޖުތަމަޢަށް ގެނެވޭގޮތަށް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ބޭނުންކޮށްގެން ޕްރޮފެޝަނަލުންގެ އެހީތެރިކަމާއެކު ޤާއިމުކުރެވޭ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތަކެއް ތަރުތީބުކުރެވިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމުކުރެވިގެންދާނެ ކަމަށެވެ.
އެގޮތުން ވެލިދޫގައި އެންމެ ޒަމާނީ ފެންވަރުގެ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެއް ޤާއިމް ކުރާނެ ކަމަށެވެ.




“ވިހަފަރަކީ މި ސަރަޙައްދުގައި އެއާޕޯޓެއް އަޅަން އެންމެ އެކަށީގެންވާ ރަށް. ވިހަފަރުގައި މިހާރު ހަދާފައިވާ އެގްރީމެންޓް ޤާނޫނީ ގޮތުން ނިއުޅާލެވިއްޖެނަމަ އެރަށުގައި އެއާޕޯޓެއް ޤާއިމްކޮށްދޭނަން” މުއިއްޒު ވިދާޅުވިއެވެ.
އަދި ނ ޅޮހީގައި ރާޅާ އެޅުމަށް ވަރަށް ރަނގަޅު ރާޅުގަނޑެއް އެބައޮތް ކަމަށާއި އެތަން ތަރައްގީ ކުރެވިއްޖިއްޔާ ރާޅާ އެޅުމުގެ އިތުރުން އިގްތިސާދީ ގޮތުންވެސް ޒުވާނުންނަށް ފައިދާވެގެންދާނެ ކަމަށް ވިދާޅުވެ ޅޮހީގެ ރާޅުގަނޑު ސަރަޙައްދު ތަރައްޤީކޮށްދޭނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގަތެވެ.



