މިއަދު ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް ކުޑަކުދިންނާއި އަންހެނުންގެ އިއްފަތް ފޭރިގަންނަ މީހުން އެމްޑީޕީ ހަރުގެއަށް ވަދެ ލަވައެއް ކިޔާލުމުން މިނިވަންވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި ޑރ މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކުރާ މީހުން ރައީސް ސޯލިހްގެ ކުރިމަތީގައި ކެމްޕޭން ލަވައަކަށް ނަށާލުމުން މިނިވަންވާކަމަށެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޖަމީލް ވިދާޅުވީ “އަބުރުފުޅު ޤާނޫނު އުވާލިން” ކަމަށް ވިދާޅުވެ ރައީސް ސޯލިހް ކެމްޕޭން ކުރައްވާއިރު މިހާރު އޮތީ ރިޔާސީ ގަރާރުފުޅެއް ކަމަށެވެ.

“އަބުރުފުޅުގެ ގާނޫނު އުވާލިއިރު ރިޔާސީ ޤަރާރުފުޅަކުން އެއޮތީ ހުރިހާ ހައްގެއް ހިފަހައްޓާފައި. ސްޓެލްކޯގެ ކޮންސަލްޓެންޓަކަށް އައްޔަން ކޮށްފައި ހުރި ސޫޒަންގެ މުސާރަ ސިއްރު. ބޭބެ ކޮންސަލްޓެންޓަކަށް އައްޔަންކޮށް މުސާރަ ސިއްރު، ޤަތަރަށް ކުރި ދަތުރުގެ ޚަރަދުތައް ސިއްރު.” ޖަމީލް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް މިހާރު އެމްޑީޕީން ވެސް ގަބޫލު ކުރާ ކަމަށެވެ.

އަދި ޖަމީލް ވިދާޅުވީ ފުވައްމުލަކަކީ އިސްތިގުލާލު، ސިޔާދަތު، މިނިވަންކަން، ގެނެސްދިނުމުގައި އަދި މިކަންކަން ކަށަވަރު ކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރި ފަސްގަނޑެއް ކަމަށާއި އެއީ ރައީސް އިބްރާހިމް ނާސިރުގެ ފަސްގަނޑު ކަމަށެވެ.



