ގއ ވިލިނގިލީގައި އިންޓަރނޭޝަނަލް ފެންވަރުގެ އެއަރޕޯޓެއް ތަރައްގީ ކުރަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕެއިނަށް ގއ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ޕްލޭނަކީ މުޅި ހުވަދު އަތޮޅަށް 10000 އެނދު އިތުރު ކުރުން ކަމަށެވެ. އެހެންކަމުން އިންޓަރގއރޭޓެޑް ޓުއަރިޒަމް ތައާރަފުކޮށް މުޅި ހުވަދު އަތޮޅަށް ތަރައްގީ ގެނައުމުގެ އެންމެ ފުރަތަ މަސައްކަތަކީ ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުން ކަމަށެވެ.



“ މިކަން މިގޮތަށް ކުރެވެން އޮތީ ވިލިނގިލީގައި ބިން ހިއްކައިގެން. މިރަށަށް ބިން އިތުރުކޮށްދީގެން ދެން އިތުރަށް ތަރައްގީއެއް ގެނެވެން އޮތީ. އެއީ އެއަރޕޯޓުވިއަސް، ބޯހިޔާވަހިކަން ވިއަސް. އެހެންވީމަ އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ ވިލިނގިއްޔާ ގުޅުވާ ބިމެއް ހިއްކުން “ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ކޫއްޑޫ އެއަރޕޯޓު ބަދަލުކުރާނީ ޓުރެއިނިން އެއަރޕޯޓަކަށް ކަމަށެވެ. އަދި ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖު ފެސިލިޓީ ދެގުނަ ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.



