ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ ރާއްޖޭގެ ތިން ސަރަހައްދެއްގައި ބައިނަލްއަގުވާމީ ރޭސިން ޓްރެކަކާއި ޑްރިފްޓިން ސްޓޭޑިއަމެއް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގއ ވިލިނގިލީގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މާލޭގައި އެންމެ ގިނަ އިން ރާޅާ އަރާ ސަރަހައްދު ބައިނަލްއަގުވާމީ ސާފިން ސްޓޭޑިއަމަކަށް ހަދައި، އެ ތަނަކީ ޒުވާނުން ބޭނުންވާ ކަންކަން ކުރެވޭ ތަނަކަށް ހަދައިދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރޭސިންއަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށެވެ. އެހެންވެ، އެކަމަށް ހާއްސަ ރޭސިން ޓްރެކެއް ގާއިމު ކުރައްވާނީ މާލެ ސަރަހައްދުގައި އާއި ދެކުނާއި އުތުރުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
“ރޭސިންގ އަކީ ވަރަށް ކުރިއަރަމުން އަންނަ ކުޅިވަރެއް. އެހެންކަމުން އަޅުގަނޑުމެން ކަނޑައަޅާފައި އޮތީ ގްރޭޓަރ މާލޭ ޒޯންގަ އާއި، އުތުރު ޑެވެލޮޕްމަންޓް ޒޯންގަ އާއި ދެކުނު ޑެވެލޮޕްމަންޓް ޒޯންގައި އިންޓަރނޭޝަނަލް ފެންވަރުގެ ރޭސިންގ ޓްރެކް ޤާއިމުކޮށްދިނުން” މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ ތިން ޓްރެކް ވެގެން ދާނީ އިންޓަނޭޝަނަލް ފެންވަރުގައި ތަރައްގީ ކުރާނެ ރޭސިން ޓްރެކުތަކަކަށެވެ.
“ ރޭސިންއެކޭ އެއްގޮތަށް ޑްރިފްޓިންއަކީ ވެސް ޒުވާނުންގެ މެދު ކުރިއަރައިގެންދާނެ ކުޅިވަރެއް. އަދި އެއީ ވަރަށް ގިނަ ޒުވާނުން ކުރާ ހިތުން ކުރާ ކަމެއް. އެހެންވެ، އެކަމަށް ޝައުގުވެރިވާ ޒުވާނުންނަށް ޑްރިފްޓިން ސްޓޭޑިއަމެއްވެސް އިރާދަކުރެއްވިއްޔާ ހަދައިދޭނަން” މުއިއްޒު ވިދާޅުވިއެވެ.
އިތުރަށް މުއިއްޒު ވިދާޅުވީ އީ ސްޕޯޓްސް ގޭމް ތެރޭގައި އުޅޭ ޒުވާނުންނަށް އަޅާލާނެ ބަޔަކު ނެތް ކަަމަށާއި އެކަން ގައުމީ ލެވެލްއެއްގައި ބަލައިގަންނަން ޖެހޭ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި އެ ކުޅިވަރު ގައުމީ ފެންވަރެއްގައި ބަލައިގަންނާނެއެވެ.



