ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޮޑު ދަރަނި ދަންތުރައެއްގައި ޖެހިފައިވުން ކަމަށާއި ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ އެ ދަރަނިން ގައުމު ސަލާމަތް ކޮށްދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަށް އިގުތިސާދު ނަގާ ކޮޅަށް ޖަހަން އިނގޭނެ ކަމަށާއި ވެރިކަމަށް ވަޑައިގެން ކުރައްވަން ޖެހިވަޑައިގަންނަވާ އެންމެ މުހިންމު އެއް މަސައްކަތަކީ “ދަރަނި ދަންތުރަ” އިން ރާއްޖެ ސަލާމަތްވުމުގެ މަސައްކަތް ފެއްޓެވުން ކަމަށެވެ.
“އިގްތިސާދު ނަގައި ކޮޅަށް ޖަހާނެ ގޮތް އެނގޭ. އެ ގޮތްތައް މިދަނީ ބަޔާން ކުރަމުން. ރާއްޖެ ދަރަނި ދަންތުރައިން ސަލާމަތް ކޮށްދޭނަން،” ވަރަށް ޔަގީންކަމާއެކު ޑރ. މުއިއްޒު ވިދާޅުވި އެވެ.
އަދި ވެރިކަން ލިބިވަޑައިގެންފިނަމަ ރައްޔިތުން އެދޭ ރައްޔިތުން ބޭނުންވާ އެތައް ކަމެއްގައި އަތުކުރި އޮޅާލައިގެން ނުކުމެ، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައި ދެއްވާނެ ކަމަށެވެ.

ޑރ މުއިއްޒު ވިދާޅުވީ މިވަގުތު އެންމެ ބޮޑަށް ކޮޅަށް ނަގަން ޖެހިފައި ވަނީ މަސްވެރިކަމުގެ ސިނާއަތު ކަމަށެވެ. މަސްވެރިކަމުގެ ސިނާއަތާ ގުޅޭ ހުރިހާ ކަމެއް މިހާރު އިއުލާން ކުރައްވާފައިވާ އިރު، ޓޫރިޒަމް ދާއިރާ އަށް ހުރި ގިނަ ކަންތައްތައް ވެސް އިއުލާން ކުރައްވާފައިވާ ކަމަށް މުއިއްޱު ވިދާޅުވިއެވެ.



