އިދިކޮޅު ކޯލިޝަނުގެ ވެރިކަމެއްގައި ރ. ފައިނުގައި އެއާޕޯޓު އަޅާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރ އިނގުރާދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅެއްގައި ޑރ މުއިއްޒު ވިދާޅުވީ ފައިނުގައި އެއާޕޯޓު އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިއުލާންކުރި މަޝްރޫއެއް ކަމަށެވެ. އެކަމަކު ތިމާވެއްޓައް ބޮޑެތި ގެއްލުންތަކެއް ލިބޭތީ ކަމަށް ބުނެ އެ މަޝްރޫއު ކުރިއަށް ނުގެންދަން މި ސަރުކާރު އައިސް ނިންމީ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ފައިނުގައި އެއާޕޯޓެއް އަޅަނީ، ބިން ވަރަށް ކުޑަކޮށް ހިއްކައިގެން ކުރެވެން އޮތް ކަމަކަށްވާތީއެވެ. އަދި އެއީ ދެކޮޅު ޖެހޭނެ އިންވެސްޓަކަށް ވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެއާޕޯޓު އެޅުމުން އެތައް ސަތޭކަ ވަޒީފާއެއް އުފެދި ޒުވާނުން ބާރު ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކި ކަހަލަ ގޮތް ގޮތުން މި ރަށަށް ލިބޭނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރ. އަތޮޅަކީ ޓޫރިޒަމަށް ވަރަށް ވަރުގަދަ އަތޮޅެއް ކަމަށާއި މިހާރުވެސް އެ އަތޮޅުގައި 17 ރިސޯޓު އޮތް ނަމަވެސް އަދިވެސް ރިސޯޓު ތަރައްގީކުރެވޭނެ ގިނަ ފަޅުތައް ހުރިކަމަށެވެ.

އެހެންކަމުން އިންތިހާބު ކާމިޔާބުވެ، ވެރިކަން ލިބިއްޖެނަމަ ރ. އަތޮޅުގައި މިހާރު ހުރި ރިސޯޓުތަކުގެ އިތުރުން 10 ނުވަތަ 12 ރިސޯޓު ތަރައްގީކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.



