ހައުސިން މިނިސްޓަރު ކަމުގައި 7 އަހަރު ހޭދަކޮށް 13 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގިއިރުވެސް އެންމެ ރުފިޔާއެއްގަވެސް ޖެހިފައި ނޯންނާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު ވަނީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ހައުސިން އެން ޕްލޭނިންގެ މަގާމު އަދާކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި އެމަނިކުފާނުގެ ވުޒާރާގެ ދަށުން ސިނަމާލެ ބްރިޖު، ސަލްމާނު މިސްކިތް، މާލޭ ރިންގް ރޯޑް، ހުޅުމާލެ ފޭސް ދެއެއް ހިއްކުމާއި ހިޔާ ފްލެޓްތައް ހެދުން ފަދަ ބޮޑެތި އެތައް މަޝްރޫއެއް މުޅި ރާއްޖޭގައި ހިންގާފައިވެއެވެ.
ވާދަވެރި ފަރާތްތަކުން އެމަނިކުފާނަށް އަމާޒުކޮށް ދައްކާ ވާހަކަތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އަންނަނީ 24 ގަޑިއިރު މަސައްކަތް ކުރަން ތައްޔާރުވެގެން ކަމަށާއި ދެ ޕާޓީން ވެރިކަން ކުރާނީ “ހަފްތާ ބަންދާއި” އެ ނޫން ވެސް ބަންދުތައް ކަނޑާފައި ނޫން ކަމަށެވެ. އަދި މި ގައުމު ނަގާ ކޮޅަށް ޖަހަން ޖެހޭނީ ސުމަކުން ނޫން ކަމަށާއި ގައުމު ނަގާ ކޮޅަށް ޖަހަން ޖެހެނީ މައިނަސް އިން ފެށިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާއާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ދެއްކިދާނެ ކަމަށާއި އެކަމަކު، އޭނާ އަށް ޖަވާބު ދޭން އެނގިވަޑައިނުގަންނަވާ ސުވާލެއް ކުރިމައްޗެއް ނުކުރެއްވޭނެ ކަމަށެވެ.
“އެއްވެސް ތުހުމަތަކުން އަޅުގަނޑު ބެދޭނެ ކަމެއް ނޯންނާނެ. ގާނޫނާ ހިލާފު ކަމެއް ދުވަހަކުވެސް ނުކުރަން. އަޅުގަނޑުގެ މައްޗަށް ކަމެއް ސާބިތު ކުރަންޏާ ޖެހޭނީ ހެކި އުފައްދަން. އެނޫންގޮތަކަށް އެއްކަމެއްވެސް ނުވާނެ” މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވީމަ ވެސް ވަރަށް ގިނަ ތުހުމަތުތައް ކުރިއެވެ. އެކަމަކު، ކޮންމެ ވާހަކައަކަށް ޖަވާބު ދެއްވާފައި ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރު ތުހުމަތެއް ކުރެއްވި ނަމަވެސް ޖަވާބު ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިއީ ރައްޔިތުން މާޔޫސް ކުރި ފަސް އަހަރު ކަމަށާއި މި ފަސް އަހަރުން ލިބުނީ ނާއުއްމީދު ކަން ކަމަށެވެ.
އަދި މިއީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ ކަމުގެ އިހުސާސް ކުރެވުނު ފަސް އަހަރު ކަމަށާއި 9 ސެޕްޓެމްބަރަކީ ދިވެއްސަކަށް ވީތީ ދިވެހި ގައުމުދެކެ ލޯބިވަންޏާ ނިކުމެ ގޮތް ނިންމަންވީ ދުވަސް ކަމަށެވެ.