މިހާރުން މިހާރަށް ނިޒާމީ ވޯޓެއް ނެގުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށާއި އެންމެ މަދުވެގެންވެސް އެފަދަ އިންތިހާބެއް ބޭއްވުމަށް 30 ދުވަހާއި 45 ދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ކުރީގެ ރައީސް ނަޝީދު ބޭނުންފުޅުވާތީ މަޖިލީހަށް ވަނީ މިކަމާ ގުޅޭ ގަރާރެއްވެސް ހުށަހަޅާފައެވެ.
މި ކަމަށް އިޝާރާތްކުރައްވާ ކުރެއްވި ޓުވީޓެއްގައި ހަބީބު ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިޢާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށެވެ.
އަދި ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ އެ އިންތިޚާބަށް ޚަރަދުވާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
“ އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން. ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި
އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން
ހޭލުންތެރިކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް.
މިހާރުން މިހާރަށް، އެފަދަ ވޯޓެއް ނެގުންވާނީ،
ނާ މުމްކިން ކަމަކަށް. “ ހަބީބު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ނިޒާމީ ވޯޓެއް ނަގަން ޑިމޮކްރެޓްސްއިން ހުށަހެޅި ގަޜާރުގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ފަށައިފައެވެ.
