ސިފައިންނަށް ހާއްސަކޮށް ހަދަމުންދާ ސިފްކޯ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގެ ތަޅުދަނޑި ފްލެޓްވެރިންނާއި ހަވާލުކޮށްފައިވާ ކަމަށް ބުނެ ސަރުކާރުން ފަތުރަނީ ދޮގު ހަބަރުތަކެއްކަން ހާމަވެއްޖެއެވެ.
އެގޮތުން ސިފްކޯ ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ބުނީ އެޕާޓްމަންޓްތަކުގެ ތަޅުދަނޑި އަދި އެފަރާތްތަކަށް ނުލިބޭ ކަމަށެވެ. އަދި މިއަހަރުގެ ޖުލައި މަހުން ފެށިގެން ފްލެޓްގެ ތަޅުދަނޑިލިބި އެތަނަށް ވަދެވޭނެ ކަމުގެ އުއްމީދުގައި ތިބި އެތައް އާއިލާއެއް ތިބިއިރު ރިޔާސީ އިންތިހާބާ ދިމާކޮށް މިފަދަ ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރާތީ ފްލެޓް ލިބުނު ފަރާތްތަކުން ތިބީ ވަރަށް ކަންބޮޑުވެފައެވެ.
“ މިހާރު ގަބޫލުކުރެވެނީ ފްލެޓްތަކުގެ މަސައްކަތް ހަމައެކަނި ކުރަނީ ސަރުކާރުން ބޭނުންވާ ފޮޓޯގަނޑެއް ނަގަންކަން. ފްލެޓަށް ވަދެވޭނެ ކަމަށް ބުނުމުން ގިނަ ބަޔަކު އެމީހުންގެ ކުދިންވެސް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައި. އަދި ބައެއް ފަރާތްތަކުން ވަނީ ކުއްޔަށް އުޅޭ ގޭގެ ވެރިފަރާތްތަކަށް ވެސް މިކަން އަންގާ ނޯޓިސްދީފައި “ ސިފްކޯ ފްލެޓް ލިބުނު ފަރާތެއް ބުންޏެވެ.
މީގެ އިތުރުންވެސް އެފަރާތުން ބުނީ ސިފައިންގެ އިސް ވެރިން ކޮށްފައިވާ ހަގީގަތާއި ހިލާފު މި ވައުދުގެ ސަބަބުން ގިނަ ބަޔަކު މިވަގުތު ދިރިއުޅެމުންދަނީ ދަތި ހާލުގައި ކަމަށެވެ.
ދިވެހި ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ޖޫން މަހު ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހަމައެކަނި ކޮންކްރީޓް ސްޓްރަކްޗާ އެއްހެން ހުރި ސިފްކޯ ހިޔާއަށް މި އަހަރުގެ ޖުލައިގެ ނިޔަލަށް އާއިލާތަކަށް ވަދެވޭނެކަމަށެވެ.
ނަމަވެސް ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރުމަހުގެ ފަހު ހަފުތާ ފެށުނުއިތުވެސް ސިފްކޯގެ ފްލެޓްތަކަށް އަދި ވަދެވިފައެއް ނުވެއެވެ.