ނަން ބޯޑެއް ބަދަލު ކުރިޔަސް، އަދި ސިޓީއަކަށް ނުވާނެ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބޭ މިންވަރަށް ތަރައްގީކޮށް ދެއްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތިނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ތިނަދޫ އަކީ ތަރައްޤީގެގޮތުން ފެންވަރު ރަނގަޅު ސިޓީއަކަށް ހަދައިދޭނެ ކަމަށާއި ނުހެދިހުރި ހުރިހާ މަގެއްގައި ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށެވެ.
އަދި ހިއްކިބިމުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ހުރިހާ އިންފްރާސްޓްރަކްޗަރއެއް ޤާއިމް ކޮށްދޭނެ ކަމަށާއި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން ހިއްކި ބިމާ އަދި އެހެނިހެން ސަރަޙައްދުތައް ބަލައި، ލޭންޑް ޔޫޒް ޕްލޭންގެ ދަށުން 1000 ހައުސިންގ ޔުނިޓު ޤާއިމް ކޮށްދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. “ އެއީ ތިނަދޫ ރައްޔިތުންނަށް ޚާއްޞަ އަދި އެހެން ރައްރަށުގެ ރައްޔިތުންނަށް ވެސް ފުރުޞަތު އޮތް ތަނެއްގެ ގޮތުގައި ހަދައިދޭނަން “ މުއިއްޒު ވިދާޅުވިއެވެ.
ޑރ މުއިއްޒު ވިދާޅުވީ ތިނަދޫ ސިޓީއަކީ ޙަޤީގަތުގައިވެސް އެ ސިޓީގެ ރައްޔިތުން އަދި ގދ އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ ތަނަކަށް ހަދައިދޭނެ ކަމަށެވެ.
