މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބާއްވާ ޕްރައިމަރީއަށް، ޖުމްލަ ދާއިރާތަކުގެ ތެރެއިން %97 ދާއިރާއިން ކެނޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ. މިއީ އެއް ޕާޓީއަކުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ އެންމެ ގިނަ ކެނޑިޑޭޓުން ހުށަހަޅާފައިވާ ފަހަރު ކަމަށް ވެގެންދާނެ ކަމަށް ޕީއެންސީން ވިދާޅުވެއެވެ.
ޕީއެންސީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މި ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޕާޓީގެ ކެމްޕެއިން މެނޭޖަރ އަދި ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ގްރޫޕް ލީޑަރ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިހާ ގިނަ ކެނޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބެއްގައި ވާދަކުރުމަށް ކުރިމަތިލާފައި ނުވާ ކަމަށެވެ. ފަލާޙް ވިދާޅުވީ، ކުރީގެ އިންތިޚާބުތަކުގައި ބައެއް ޕާޓީތަކަށް 80 އިންސައްތައަށް ވާދަކުރެވިފައި ވީނަމަވެސް، 90 އިންސައްތައަށް ވުރެ މައްޗަށް ނާރާ ކަމަށާއި، ނަމަވެސް މިފަހަރު ޕީއެންސީގެ ނިސްބަތް 97 އިންސައްތައަށް އަރާފައިވާ ކަމަށެވެ.
ފަލާޙް އިތުރަށް ވިދާޅުވީ، ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއިރު، ބައެއް ދާއިރާތަކުން ކެނޑިޑޭޓުން ހޯދަން މުއްދަތު އިތުރުކުރަން ޖެހިދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ޕާޓީގެ ޕްރައިމަރީއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔުމާއެކު، ދެ ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ފަހު ފުރުޞަތު އެއްކޮށް ބަންދުކުރެވުނު ކަމަށެވެ. މިހާރު އެޕާޓީން ދަނީ ޕްރައިމަރީގައި ވާދަކުރާނެ ކެނޑިޑޭޓުންގެ ޝަރުތުތައް ހަމަވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި އިޢުލާނު ކުރާނެ ކަމަށް ޕާޓީން ބުނެއެވެ.
ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އެދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އާއި ހަމައަށް ވޯޓުލުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެ އިތުރުން، ޕީއެންސީގެ ކެމްޕެއިން ޓީމުން ވަނީ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 70,000 އަށް އަރާފައިވާކަން ހާމަކޮށްފައިވާއިރު، މި ޕްރައިމަރީއާއި ގުޅިގެން މެންބަރުންގެ އަދަދު 75,000 އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެޕާޓީން ވިދާޅުވެފައިވެއެވެ.



