އެއްވެސް މީހެއްގެ ޙައްގަކަށް ދުވަހަކުވެސް އަރައިގެންފައި ނޯންނާނެ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުދޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެއްވެސް މައްސަލައެއް އޮތިއްޔާ ރަސްމީ އިދާރާތަކުން ބައްލަވަންވީ ކަމަށާއި ސިޔާސީ ނުފޫޒުން އެއްކިބާވެ، އިންސާފުވެރިކަމާއި މިނިވަންކަމާއި އެކު ބައްލަވަންވީ ކަމަށެވެ.
އެގޮތަށް ބަލައިފިނަމަ އެކަންކަމުގެ ހަގީގަތް މާރީތިކޮށް ސާފުވާނެ ކަމަށާއި ޒާތީ ގޮތުން ދިމާކުރުމަކީ ކެމްޕެއިން ކުރުމެއް ނޫން ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންނަށް ކަންކަން ހުށައެޅުމަށް. އަޅުގަނޑު މިކުރަނީ އެކަން. އަޅުގަނޑު މި ގައުމުގައި ހަމަޖެހުން ޤާއިމްކޮށްދޭނަން “ ޑރ މުއިއްޒު ވިދާޅުވިއެވެ.
ކޮންމެ ރައްޔިތަކަށްވެސް ހުރިހާ މާނައެއްގައި އިންސާފުވެރިކަން ޔަގީންކޮށްދޭނެ ކަމަށާއި ޢަދުލުވެރިކަމާއި އެކުގައި މެނުވީ އެއްވެސް ރައްޔިތަކާއި ދޭތެރޭގައި ކަންކަމެއް ނުކުރާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.



