ތަރައްޤީގެ ރޮނގުން ކުރަންޖެހޭ ހުރިހާކަމެއްވެސް ކުރިޔަށް ގެންދާނެ ކަމަށާއި ޢުމްރާނީ ތަރައްޤީއާ، އިޖްތިމާޢީ ތަރައްޤީއާ އަދި އިޤްތިޞާދީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން އައްޑޫސިޓީއަށް ޚާއްޞަކޮށް ކޮށްދޭނެ ކަމަށް ޕީީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ފޭދޫ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާަޅުވީ މައިގަނޑުކަމެއްގެ ގޮތުގައި އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމާއި، ޓޫރިސްޓުން އައުން އިތުރުކުރުމުގެ ގޮތުން ދަތުރުކުރާ ޑެސްޓިނޭޝަންތައް އިތުރުކުރުމުގެ މަސައްކަތާއި، އެކި ފަންތީގެ ޓޫރިސްޓުންނަށް ހުޅުވާލެވޭގޮތަށް ކުރިޔަށް ގެންދާނެ ކަމަށެވެ. “ މުޅިސިޓީއަށް ތަރައްޤީ ލިބޭގޮތަށް ސީޕްލޭންގެ ހަބު ޤާއިމްކޮށް ވަޒީފާއާ، އާމުދަނީ ލިބޭނެ ފުރުޞަތުތައް އިތުރުކޮށް އިޤްތިޞާދީ ގޮތުން ފުދުންތެރި ސިޓީއެއްގެ ގޮތުގައި މިސިޓީ ބައްޓަންކުރާނަން “ މުއިއްޒު ވިދާޅުވިއެވެ.
ޑރ މުއިއްޒު އިތުރަށް ވިދާޅުވީ މަސްވެރިކަމާއި، ދަނޑުވެރިކަން ޤައުމީ މާސްޓަރ ޕްލޭންގައި ކަނޑައަޅާފައިވާގޮތަށް ތަރައްޤީކޮށް ކުރިޔަށް ގެންގޮސްދޭނެ ކަމަށެވެ.
އަދި ޞިއްޙީ ނިޒާމު ފުޅާކުރުމަށް އަދި ޢިޖްތިމާޢީ ކަންކަމަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އަދި އެހެންނިހެން ގޮތްގޮތުން ޓްރީޓްމަންޓު ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ހޮސްޕިޓަލެއް އައްޑޫ ސިޓީގައި ޤާއިމް ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.



