މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަޤާމާ ޙަވާލުވުމުގެ ކުރިން މަޤާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައިކަމުން 17 ނޮވެންބަރު 2023 ވާ ހުކުރު ދުވަހު އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި، މުއިއްޒު ކާމިޔާބު ހޯއްދެވިއިރު، ވެރިކަން ބަދަލުވުމުގެ މަރުހަލާ ވަނީ ފަށައިފައެވެ. އަދި އެކަމަށް ހާއްސަ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލައިފައެވެ. އެކޮމިޓީގެ ކަންކަން ވިލަރެސް ކުރައްވާނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.



