ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސިޔާސީ ޕާޓިތަކުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ދުރާލާ ކުރިއަށްގެންދިއުމަށް އިލެކްޝަން ކޮމިޝަނުން އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިޚާބުތަކާއި ބެހޭ ޤާނޫނު ބުނާގޮތުންނަމަ މަޖިލީހުގެ އިންތިޚާބުގެ ހުރިހާ މަސައްކަތްތައް، މެންބަރުން ހުވާކުރުމުގެ 1މަސް ދުވަހުގެ ކުރިން ނިންމަންޖެހޭކަމަށެވެ.
19ވަނަ މަޖިލީހަށް މެންބަރުން ހުވާކުރައްވާފައިވަނީ 2019ވަނަ އަހަރުގެ މޭމަހުގެ 29ވަނަ ދުވަހުއެވެ.
އެހެންކަމުން 20ވަނަ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމާއި ގުޅޭ ހުރިހާ މަސައްކަތްތައް 2024 އޭޕްރިލް 29ގެ ކުރިން ނިންމަންޖެހޭނެކަމަށް ޙަބީބު ވިދާޅުވިއެވެ.
ޙަބީބު ވިދާޅުވީ އިންތިޚާބު ބާވަންޖެހޭ ދުވަސްވަރު ރަމަޟާންމަހާއި ދިމާވާތީ، އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ހަބީބު ވިދާޅުވީ، އިންތިޚާބީ މަރުކަޒުތަކުގެ ގޮތުގައި ބޭނުންކުރަނީ ސްކޫލްތައްކަމަށާއި، އެހެންކަމުން ސްކޫލް އިމްތިހާނުތަކަށް ބުރޫނާރާގޮތަށްކަށް މަސައްކަތްތައް ރާވަންޖެހޭކަމަށެވެ. އިންތިޚާބަށް ތާރީޚެއް ކަނޑައަޅުމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން އިލެކްޝަން ކޮމިޝަނުން ދަނީ ބަލަމުންނެވެ.