އިސްރާއީލުން ފަލަސްޠީނުގެ ބިންތައް އިސްތިއުމާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭކަމަށް ވިދާޅުވެ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓަށް މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިއްޖެއެވެ.
މިއީ މި ފަހުން ރާއްޖޭގައި އެންމެ ވައިރަލްވި ޓުވީޓަށް ވަނީވެފައެވެ.
ފަލަސްތީނުގެ ބިންތަކުން ޔަހޫދީ އިސްރާޢީލު ފޭބުމަށް ގޮވާލާ އިންތިޚާބީ ރައީސް ޓުވީޓު ކުރައްވާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.
ޑރ މުއިއްޒުގެ މި ޓުވީޓު ވަނީ 6000 އަށްވުރެ ގިނަ މީހުން ރީޕޯސްޓްކޮށްފައެވެ. އަދި 17000 އަށް ވުރެ ގިނަ މީހުން ވަނީ މި ޓުވީޓަށް ލައިކްދީފައެވެ.
އިންތިހާބީ ރައީސްގެ މި ޓުވީޓާއި ގުޅިގެން ގިނަ ދިވެހިން ވަނީ އެމަނިކުފާނަށް ތައުރީފުކުރައްވާފައެވެ.
ޑރ މުއިއްޒު ކުރެއްވި ޓުވީޓުގައި ވަނީ ގަދަކަމުން ފަލަސްޠީނު ރައްޔިތުންގެ ކިބައިން ފޭރިގަނެފައިވާ އެމީހުންގެ ބިންތައް އެމީހުންނަށް އަނބުރާ އިއާދަކުރުމަށް ގޮވާލައްވާފައެވެ.
އޭގެ އިތުރަށް އިންތިޚާބީ ރައީސް ވިދާޅުވީ އިރުމަތީ ޤުދުސަކީ ވެރިރަށުގެ ގޮތުގައި އޮންނަ ފަލަސްޠީނު ދައުލަތެއް އިސްރާއީލުން ޤަބޫލުކުރުމާއެކު 1967 ވަނަ އަހަރުގެ ބޯޑަރަށް ރުޖޫޢަވެ، އިސްރާއީލުން ހިންގި ޖަރީމާތަކުގެ ސަބަބުން ފަލަސްޠީނު ދޫކޮށް ހިޖުރަކުރި މުހާޖިރުންނަށް އަނބުރާ އެ ޤައުމަށް އައުމަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާ ތަކުގައި ގިނަ އަދަދެއްގެ އަންހެނުންނާ ކުޑަކުދިންވެސް ވަނީ ޝަހީދުވެފައެވެ.



