އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން އަންގާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ފަރާތުން އެއްވެސް ބޭފުޅަކުވެސް އެކަހަލަ އެންގުމެއް ނާންގާނެ ކަމަށެވެ.
“ ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީ ތައް ބާލަމުން ދާކަމާއި، އެކަން ކުރަނީ އަޅުގަނޑު އަންގައިގެންކަމަށް ދައްކާ ޙަޤީޤަތެއްނެތް ވާހަކަތަކާއި ގުޅިގެން، ރައްޔިތުންނަށް ޔަޤީންކަން ދިނުމުގެ ގޮތުން ދަންނަވާލަން “ ޑރ މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު މިގޮތަށް ވިދާޅުވެފައި ވަނީ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
އިންތިހާބީ ރައީސްގެ ފަރާތުން ބައެއް ކަންކަން ނުކުރުމަށް ރައީސް ސާލިހުގެ ސަރުކާރަށް ވަނީ މީގެކުރިން އަންގާފައެވެ.
އިންތިހާބީ ރައީސް އެންގެވި ކަންކަން:
ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމަންޓެއް ނުކުރުން.
ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމުގެ އާ ހުއްދައެއް ނުދިނުން.
ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން.
ބައިނަލްއަގްވަމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއި ނުކުރުން.
ޕީ.އެސް.އައި.ޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން.
ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން.
ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުން.
ނަމަވެސް ހިނގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާލުމަށް އަންގާފައެއް ނުވެއެވެ.



