އދ.ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި އިއްޔެފަތިހު މަހަށް ނިކުތް މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެގޮތުން މިމީހާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާއިރު ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ‘ ހަކުރާ’ އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ދަނީ ހަރަކާތްތެރިވަމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން ޑޯނިއަރ އެއަރކްރާފްޓްވެސް ދަނީ މިއަދު ވައިގެ މަގުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 11:42 ހާއިރުއެވެ. 68 އަހަރުގެ އެ މީހާ އިއްޔެ ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި މަސްވެރިކަމަށް ނިކުތީ އދ.އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އަދި މަހަށް ދިޔަ ދޯނި އދ.ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި އެ ދޯނި ބަޔަކަށް ވަނީ ފެނިފައެވެ. މި ދޯނިން މަހަށް ދިޔަ ފިރިހެން މީހާ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހާމަކުރެއެވެ.
މި މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުންނާއި، މި ހިސާބުގެ ރަށްތަކުން ބައްލަވައިދިނުމަށް ސިފައިން އެދެއެވެ. އަދި މީނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށްވެސް އެދެއެވެ.