ސްކޫލްތަކުގެ ކަރިކިއުލަމްގައި، އިސްލާމްދީނާއި ދިވެހިންގެ ސަޤާފަތާއި ގުޅޭ ބައިތައް، މިހާރަށްވުރެ ފުޅާކޮށް ހިމަނުއްވާނެކަމަށްވެސް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއި އުޟްތާޒުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޑރ މުއިއްޒު ވިދާޅުވީ ދިވެހި ބަހާއި ސަޤާފަތައި ތާރީޚު ދިރުވާ ޢާލާކުރުމަށް ހާއްސަ ވުޒާރާއެއް އުފައްދަވާނެކަމަށެވެ. އަދި މިއީ ނިޒާމެއްގެެ ތެރެއިން ތަރުތީބުކޮށް، ފަރުމާކޮށް ވިލަރެސްކުރެވިގެން މަސައްކަތްތައް ކުރިއަށްގެންދާ ތަނަކަށް ހައްދަވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ޑރ.މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ޤައުމިއްުޔަތާއި ދީނީ ކަންކަން ދިރުވާ އާލުކުރެވޭނީ ޢިލްމީ ދިރާސާތައް ކުރެވި، މިކަމުގައި ރާއްޖެ މިހާރު އޮތް ޙާލަތު ދެނެގަނެވިގެންކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ދީނާއި، ސަޤާފީ ދާއިރާތަކާއި، އަދި ރާއްޖެއަށް މުހިންމު އެހެނިހެން ދާއިރާތަކުން އިލްމީ ދިރާސާތައް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ވިދާޅުވީ ދިވެހިންގެ ދިވެހި ވަންތަކަން، ނިޒާމީ މަސައްކަތްތަކެއްގެ ތެރެއިން ނިގުޅައިގަނެވި ވަރަށް ދުރަށް ގެންގޮސްފައިވާކަމަށާއި މިއަދު ރާއްޖެ މިއޮތީ މިކަމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ހިސާބެއްގައިކަމަށެވެ. އަދި މިކަމުގައި ތަޢުލީމުދޭ މަރުކަޒުތަކާއި ސްކޫލްތަކާއި ޔުނިވަރސިޓީތަކުން ވަރަށް ބޮޑަށް ވިސްނާ، ބަދަލަކަށް މަސައްކަތް ކުރަންޖެހިފައިވާކަމަށް ޑ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ވިދާޅުވީ ނޭންގި ތިއްބާ މި މުޖުތަމަޢު އިސްލާމީ ފިކުރާއި ދުރައްޖެހި ނިމިގެން ގޮސްދާނެ ކަމަށާއި، އޭރުން ކުރެވޭނެ ކަމެއް ނޯންނާނެކަމަށެވެ. އެހެންކަމުން މިކަމަށް އަވަސް ޙައްލެއް ހޯދުމަށް މުޅި މުޖުތަމަޢު އެކަތިގަނޑަކަށް ވާންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ، އިސްލާމްދީނާއި، ދިވެހި ބަހާއި ސަޤާފަތް އާލާކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރެއްގައި މަސައްކަތް ނުކުރައްވާހާ އިސްކަމެއް ދެއްވައިގެން، އެމަނިކުފާނުގެ ވެރިކަމެއްގައި މި ދާއިރާއިން މަސައްކަތް ކުރައްވާނެކަމަށެވެ. މި މަސައްކަތުގައި އެންމެ އިސް ދަޢުރެއް ޢަދާކުރާނެ އެއް ބަޔަކަށް ވެގެންދާނީ ދީނީ ޢިލްމުވެރިންނާއި ތަޢުލީމީ ދާއިރާގެ އުސްތާޒުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ، ގެންނަވަން މަސައްކަތްކުރައްވާ ބަދަލުގައި ބައިވެރިވެވަޑައިގެންނެވުމަށް ގޮވާލައްވާފައެވެ.



