ތުރުކީއަަށް ކުރެއްްވި ރަސްމީ ދަތުރުފުޅާއެކު ދެގައުމުގެ ގުޅުމުގެ އައު ސަފްހާއެއް ހުޅުވި، ކުރިއަށް އޮތްތަނުގައި ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީއަށް ކުރެއްްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޓުވިޓަރގާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ތުރުކީއަށް ވަޑައިގަތީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގެންނެވީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ތުރުކީން ފުރާވަޑައިގަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދަތުރުގެ ސަބަބުން ރާއްޖެއާއި ތުރުކީގެ ބަދަހި ގުޅުމުގެ މުޅިން އައު ސަފްހާއެއް ހުޅުވިގެންދާނޭކަމަށެވެ . އަދި އެއާއެކު އެކި ދާއިރާތަކުން ކުރިއަށް އޮތްތަނުގައި އެއްބާރުލުމާއި އެހީތެރިކަން އިތުރަށް ލިބިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅުގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާއި ބައްދަލުކުރައްވާ ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ. ރަސްމީ ވާހަކަފުޅުގައި، ރާއްޖެއާއި ތުރުކީވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ވަރުގަދަކަން ފާހަގަ ކުރައްވައި، މި ގުޅުން އިތުރަށް ފުޅާކުރުމަށް ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓާއި، އިޢާދަކުރަނިވި ހަކަތައާއި، މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



