- Advertisement -ad image

ނަފްސާނީ ދުޅަހެޔޮކަމަށް ކަސްރަތު!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަންޖުމް އިސްމާއިލް މުހައްމަދު

އެކި މީހުން ކަސްރަތު ކުރަނީ އެކިއެކި ތަފާތު މަޤްސަދުތަކަށެވެ. ބަރުދަން ލުއިކޮށްލަން ނުވަތަ އެއްހަމައެއްގައި ބެހެއްޓުމަށެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށެވެ. ޑޮކްޓަރު އަންގައިގެން ޙަރަކާތްތެރިވާން މަޖުބޫރުވެގެން މިހެން ގޮސް ބައިވަރު އެކިއެކި ބޭނުމުގައެވެ. ފާހަގަކޮށްލެވޭ އެއްކަމަކީ، ކަސްރަތު ކުރުމަކީ ޖިސްމާނީ ސިއްޙަތުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް ބޮޑު ރޯލެއް އަދާކުރާ ކަމެއްކަމެވެ. 

ގަވާއިދުން ކަސްރަތުކުރާ ބައެއް މީހުން އެކަން ކުރަން ފަށަނީ އެއީ އެމީހުންނަށް ދުޅަހެޔޮކަމުގެ އިންތިހާއަށް ބޮޑެތި އިހުސާސްތަކެއް ކުރެވޭތީތާއެވެ. ހަށިގަނޑުގެ ފޯކަސް އިތުރުވެ، ރޭގަނޑު ރަނގަޅަށް ނިދާލެވި، ހަނދާންގަދަވެ، ސްޓްރެސް ފިލުވައިދީ، އަމިއްލަ ނަފްސާއި ދިރިއުޅުމާ މެދު ހިތްހަމަޖެހި ޕޮޒިޓިވްކަން އިހުސާސް ކުރެވޭތީވެސްމެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކަސްރަތަކީ ނަފްސާނީ ސިއްހަތަށް ދިމާވާ ގިނަ ގޮންޖެހުންތަކަށް ވާ ފާހަގަކޮށްލެވޭ ޙައްލެކެވެ. ނަފްސާނީ ބަލިތަކުގެ ތެރޭ ހިމެނޭ ޑިޕްރެޝަން އަދި އެންޒައެޓީގެ ޢަލާމާތްތަށް ކޮންމެވެސް ވަރަކަށް ހުންނަ ނުވަތަ މޮޑަރޭޓް ލެވެލްއަކަށް ހުންނަ މީހުންނަށް އެންޓިޑިޕްރެޝަން ބޭހާއި އެއްވަރަށް ކަސްރަތުން ފަރުވާދޭކަމަށް ބަލީގެ މާހިރުން ފާހަގަކޮށްފައިވެއެވެ. ބޭސްބޭހުގެ ސައިޑްއިފެކްޓް ތަކުންއެއްކިބާވެގެންނެވެ. އަދި ކަސްރަތުގެ ސަބަބުން ހަށިގަނޑުގައި ސްޓްރެސްއާއި ހަނގުރާމަކުރާ ހޯމޯންތައް އުފެދި ސިކުނޑީގެ ނިއުރޯންތައްވެސް އައު ވެގެންދެއެވެ. މިކަމުގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހުންގެ ޙާލަތު އިތުރަށް ގޯސްނުވެ މަޑުމަޑުން ހެޔޮބަދަލު އަންނަތަން ފެނިގެންދެއެވެ. ބޭސްބޭހުންދޭ އަވަސް ޙައްލެއް ނުފެނިދާނެއެވެ. ނަމަވެސް މަންޒިލަކީ، ވަޤުތީ ޙައްލަކަށްވުރެން ވަށާޖެހި ދުޅަހެޔޮދިރިއުޅުމެއްނޫންތޯއެވެ.

އަލިއަޅުވާލަންޖެހޭ މުހިންމު އެއް ކަމަކީ ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެލުން ޑިސްޓްރެކްޝަނެއްގެ ގޮތުގައިވެސް ބޭނުންކޮށްލެވޭ، ޑިޕްރެޝަނަށްގެ ހުޅުގަނޑަށް ތެޔޮއަޅައި ކާނާ ފޯރުކޮށްދޭ ނުރަނގަޅު (ނެގެޓިވެ) ފިކުރުތަކުގެ ތެރެއިން ތިމާމީހާ ނެރެލުމަށް ބޭނުންކޮށްލެވޭ ބަހަނާއަކަށްވެސް ވާކަމެވެ. މިސާލަކަށް ހަރަކާތްތެރިވާ ވަޤުތުތަކުގައި، ފައި ބިންމަތީގައި ޖެހޭ އަޑަށް ސަމާލުކަންދީ، ނުވަތަ ނޭވާލާ ރިތްމް ނުވަތަ ހަންގަނޑުގައި ވައި ޖެހޭ އިހުސާސް ފާހަގަ ކުރަން މަސައްކަތްކޮށް ތިމާމީހާގެ ސިކުނޑި ބިޒީ ކޮށްލެވިދާނެއެވެ.

މިކަމަކީ ދުވާލެއްގެ މައްޗައް އެތަކެއް ގަޑިއިރުތަކެއް ހޭދަކުރަންޖެހޭ ކަމެއްނޫނެވެ. ނަފްސާނީ ބަލިމަޑުކަމެއް ހުންނަނަމަ އެއްވެސް ކަމެއްކުރާހިތް ނުވެފަ ހުރެވިދާނެއެވެ. އެނދުން ތެދުވުމަކީވެސް ބުރައަކަށް ވެގެންދާކަމެކެވެ. ވަޤުތު ދިޔައީ ކިހިނެތްކަމެއްވެސް ނޭގިދެއެވެ. މިކަންކަން ބޮޑަށް އެނގޭނީ ބަލި ތަޙަންމަލް ކުރާ މީހުންނަށްތާއެވެ. އެހެންކަމުން ފަށައިގަންނަންވީ އެމީހަކަށް ވާވަރަކުންނެވެ. ޖިމަކަށް ދިޔުން ލާޒިމެއްނޫނެވެ. ގެއިން ނުކުންނަން ބޭނުންނުވާނަމަ ގޭތެރެވެސް އެންމެ ރަނގަޅެވެ. 10 މިނިޓް 15 މިނިޓް ހަރަކާތްތެރިވެލުންވެސް އެއީ ހީވެސްނުކުރާހާ ބޮޑު ކުރިއެރުމެއްކަން ޔަޤީނެވެ. 

ދުވަހެއްދުވަހަކަށް ހަރަކާތްތެރިވުމުގައި ހޭދަވާ ވަޤުތު އިރުރުކޮށް 30 މިނިޓާއި 45 މިނިޓް ހޭދަކުރެވޭތޯ ބެލުން މުހިންމެވެ. ހަފްތާތެރޭ ވަޤުތު ނުވާނަމަ، ހުކުރު ހޮނިހިރުވެސް އޮތީތާއެވެ. ވީވަރަކުން މިކަން ދިރިއުޅުމުގެ ތެރޭ ހިމަނަންވީއެވެ. އެކީގައި ކަސްރަތުކުރާނެ ބައިވެރިޔެއްވެސް ހަމަ ހޯދަންވީއެވެ. ޖައްވުގެ ސާފުވައިގެ ތެރޭ ހިނގާލާށެވެ. ހުރިހާ ކަނބޮޑުވުންތައް ފަހަތަށްލައި އެއާއި ދުރަށް ދުވެލާށެވެ. ނުވަތަ މޫދަށް ގޮސްލާ ފަތާލާށެވެ. ފަތަން ނޭގޭމީހުން ފުންމަފުންމާ ތިއްބަސް ހަމަ ވަރަށް ސަޅިވާނެއެވެ. ހިތާއި ސިކުނޑި ޝުކުރުވެރިވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ