ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާ ޙަވާލުކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން މިނިސްޓަރ އޮފް ޑިފެންސް އާ ޙަވާލުކުރައްވާފައި މިވަނީ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑޮކްޓަރ ޢާއިޝަތު ރަމީލާ، 2023 ނޮވެމްބަރު 23 ގައި ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެ ކަމަނާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެންނެވެ.
މިނިސްޓަރ ރަމީލާ ބޭރަށް ފުރައިވަޑައިގެންފައިވަނީ ކެންސަރު ބައްޔަށް ބޭސްކުރުމަށްޓަކައެވެ. ފުރައިވަޑައިގަތުމުގެ ކުރިން މިނިސްޓަރ ރަމީލާ ވިދާޅުވީ އެކަމަނާ ކެންސަރު ބައްޔަށް ފަރުވާކުރުމަށްޓަކައި ބޭރު ޤައުމަކަށް ފުރައިވަޑައިގަންނަވަން ނިންމަވާފައިވާކަމެވެ. އަދި، ބޭރުން އެޗްއައިޕީއީސީ ކީމޯ ތެރަޕީއާއި ރޭޑިއޭޝަން ތެރަޕީ ހެދުމަށް ނިންމަވާފައިވާކަމަށްވެސް ޑރ. ރަމީލާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުންވެސް، ޑރ. ރަމީލާ ފޭސްބުކްއަށް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އެކަމަނާއަށް ކެންސަރު ޖެހިފައި ހުރިކަން ދެނެގަނެވުނު އިރު ބަލި ހުރީ އެންމެ ނުރައްކާ ހާލަތުގައި ކަމަށެވެ. ކެންސަރުކަން ދެނެގަނެވުނުއިރު ކެންސަރު ހުރީ 5 ވަނަ ސްޓޭޖުގައި ކަމަށް ޑރ. ރަމީލާ ވިދާޅުވެފައިވެއެވެ. އެހެންކަމުން، އެކަމަނާއަށް ހެޔޮ ދުޢާ ކޮށްދެއްވުމަށް ރާއްޖޭގެ ރައްޔިތުންގެ އަރިހުން އެދިފައިވެއެވެ.



