މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޓިކެޓްގައި ވާދަކުރައްވަން ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ފޯމު ހުށަހަޅުއްވައިފިއެވެ.
ފޯމް ހުށަހެޅުއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން އާޒިމާ ވިދާޅުވީ, ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވީ މާލެއަށް ދިމާވެފައިވާ މައްސަލަތަަކަށް ސަރުކާރާއި ގުޅިގެން މަސައްކަތްކޮށް ހައްލު ގެނެސްދެއްވުމަށް ކަމަށެވެ. އާޒިމާ ވިދާޅުވީ މިވަގުތަކީ ސަރުކާރާއެކުގައި މަސައްކަތްކުރާނެ މޭޔަރެއް ގެންނަންވީ ވަގުތު ކަމަށާއި މިވަގުތު ސަރުކާރާއެކުގައި މަސައްކަތް ކުރެވޭނެ ހީވާގި މުރާލި ކަންކަން ދަންނަ މީހަކު ގެނައުމަކީ މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ބޮޑެތި ގައުމީ މައްސަލަތަކަށް ހައްލު ލިބޭނީ މާލޭގައި ހުރި މައްސަލަތައް ހައްލުވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށާއި މާލެއަކީ ރާއްޖޭގެ އާބާދީގެ ބޮޑު ނިސްބަތެއް އުޅޭ ތަނަކަށްވާއިރުގައި މާލޭގެ ރައްކާތެރިކަން މިހުރިހާ ކަމަކީ ކުރަންޖެހޭ ކަންކަން ކަމަށްވުމުން އެހުރިހާ ކަމަކަށް ހައްލު ހޯދާދިނުމުގެ މަގުސަދުގައި މޭޔަރު ކަމަށް ކުރިމަތިލެއްވީ ކަމަށް އާޒިމާ ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ޑރ.މުހައްމަދު މުއިއްޒު ރައީސްކަމަށް އިންތިހާބުވެވަޑައިގެން ހުވާކުރެއްވުމުން މޭޔަރުގެ މަޤާމު މިވަނީ ހުސްވެފައެވެ. އެހެންކަމުން މޭޔަރަކު އައްޔަންކުރެއްވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލެއްވީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ. ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.