ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އަދި ހަފްތާ 14ގެ ޕްލޭންގައި ހިމަނުއްވާފައިވާ މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް މިއަދު އިފްތިތާޙުކޮށްފިއެވެ. މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް އިފްތިތާޙުކުރުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހި ބަހާއި ތާރީހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްއެވެ.
މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް އިފްތިތާޙުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙަފްލާއެއްގައެވެ.
މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީހުގެ ލޯގޯއާއި ކުލަ ރަސްމިއްޔާތުގައި ދައްކާލައިފައިވާ އިރު، މިސްކިތްތަކުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެއެވެ. މި ޙަފްލާ ޝަރަފުވެރިކޮށްދެއްވި ދިވެހި ބަހާއި ތާރީހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްވަނީ ވާހަކަފުޅުދައްކަވައިފައެވެ. އެމަނިކުފާނު ވަނީ މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީހެއް އޮތުމުގެ މުހިންމުކަމަށް އަލި އަޅުއްވާލައްވައި، މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކޮށްދެއްވައިފައެވެ.
މި ޙަފްލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ވަޒީރު ޑރ. ޝަހީމް ވަނީ، މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީސް އެކުލާވާލުމަށް ކުރެވުނު މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލިބިލެއްވި އެއްބާރުލުން ފާހަގަ ކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ވަޒީރު ޑރ. ޝަހީމް ވަނީ މިފަދަ މަޖިލީހެއް އެކުލަވާލުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކުގެ އަގު ވަޒަންކުރައްވައިފައެވެ.



