ފުލުހުންގެ ކޮންސްޓަބްލަރީ ވަޒީފާއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މި ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންގާރަ ދުވަހެވެ. އެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ސްޕެޝަލް ކޮންސްޓަބްލަރީ ކޮންސްޓަބަލްގެ ގޮތުގައި މާލެ ސިޓީގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
މި މަގާމަށް މަހު މުސާރައެއްގެ ގޮތުގައި 14،421 ރުފިޔާ ލިބޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޖެނުއަރީ 18 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން ޝަހީދު ހުސެއިން އާދަމް ބިލްޑިންއަށް ކަމަށްވެސް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.
ވަޒީފާއަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18-39 އަހަރާ ދެމެދުގެ މީހަކަށް ވުމާއި ގްރޭޑު 10 ނިންމާފައި ހުރުން އަދި ފިރިހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ތިން އިންޗި އަށްވުރެ ކުރު ނުވުން އަދި އަންހެނެއް ނަމަ ފަސް ފޫޓަށްވުރެ ކުރު ނުވުން ހިމެނެއެވެ.
އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.