- Advertisement -ad image

މަރާލާފައި އޮއްވާ ކުނިގޮނޑުން ފެނުނު ކުއްޖާ ވިހެއީ ފާހަނާތައްޓަށް، މަންމައަށް ދައުވާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އދ. ދިގުރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮއްވައި ފެނުނު ތުއްތުކުއްޖާ ވިހެއީ ފާހަނާ ތަށީ ތެރެއަށް ކަމަށާއި، އަދި އޭގެ ފަހުން ކުއްޖާ މަރާލިކަމަށް ދައުވާކޮށް، މި މައްސަލައިގައި ހިމެނޭ އެ ކުއްޖާގެ މަންމަ ސްރީ ލަންކާގެ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާއާ އެކު ތިން ދައުވާއެއް އިއްޔެ ކޮށްފި އެވެ.

ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނީ ދުވަސްފުރާ ވިހާފައިވާ އަންހެން ކުއްޖެކެވެ. މަރުވެފައިވާ އެ ކުއްޖާ ފެނުނީ ކުނިގޮނޑުންނެވެ. އެ މައްސަލައިގައި ތުހުމަތުވާ އަންހެން މީހާ ފުރަން އެއާޕޯޓަށް ގޮސް ހުއްޓައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑާ ގުޅިގެން، އެ އަންހެން މީހާއަށް ކުރި ދައުވާތަކަކީ؛

  • އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްތުގައި ހިންގުމުގެ ކުށުގެ ދައުވާ
  • އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ

ޕީޖީ އޮފީހުން ތުހުމަތުކުރާ ގޮތުގައި ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެއިނީއްސުރެ، ކުއްޖާގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވެއެވެ. އޭނާ އުޅުނީ ބަލިވެ އިންކަން ވެސް ސިއްރުކޮށްގެންނެވެ.

އެ އޮފީހުން ބުނީ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، އޭނާ ވިހާފައިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުގެ ރޭގަނޑު 22:00 އާއި ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި ދިގުރަށު ކޮޓަރިއެއްގެ ފާހާނާގައި ކަމަށެވެ.

ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ކުނިވާ ޒާތުގެ ކުނި އަޅަން ހާއްސަކޮށްފައިވާ ޑަސްބިނަށް ލާފައިވަނީ، މިދިޔަ މަހުގެ ތިން ވަނަ ދުވަހުގެ ފަތިހު 05:30 ހާއިރު ކަމަށް ޕީޖީން ބުންޏެވެ. އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރަނީ ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާ މެދު ޢަމަލުކޮށް ކުއްޖާ މަރާލާފައިވާތީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ