ހުކުރު މިސްކިތު މުންނާރުގެ އާބަތުރަ ފިލުވުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ފަށަން ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖު އަދި ސްޓެލްކޯ ގުޅިގެންނެވެ.
އެގޮތުން އެންސީސީ އިން ބުނީ މާލޭ ހުކުރު މިސްކިތާއި ގޯތިތެރެއާއި މުންނާރު އަދި މެދުޒިޔާރަތް އާބާތުރަފިލުވައި،މަރާމާތުކޮށް، ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތަކާގުޅޭ ބައްދަލުވުންތައް ބޭއްވި، އަމަލީ މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
އަދި މި މަހުގެ 11ވަނަ ދުވަހު އެމަރުކަޒާއި މާލެ ސިޓީ ކައުންސިލާއި ސްޓެލްކޯ ގުޅިގެން އެތަންތަނުގެ ސަރވޭ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު ވަނީ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދައި ވާންޖެހޭ ތައްޔާރީތައްވެފައި ކަމަށް އެންސީސީ އިން ހާމަކުރެއެވެ.
މޫސުން އަލިވެ، އަވިދިނުމުން ކުރިއަށް އޮތް 2 ހަފުތާތެރޭ އަމަލީ މަސައްކަތް ފެށުމަށް ތާވަލުކުރެވިފައިވާ ކަމަށްވެސް އެ މަރުކަޒުން ހާމަކުރެއެވެ.



