- Advertisement -ad image

ކުއްލި ފަރުވާގެ ބަލިމީހުން ގެނައުމުގައި ޢަމަލުކުރަން އޮންނަ ނިޒާމު އިޞްލާޙުކުރުމަށް ރައީސް އަންގަވައިފި

ad image

ގުޅުންހުރި ލިޔުންތައް


ކުއްލި ފަރުވާއަށް ބަލިމީހުން ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އެންގެވީ އައިޖީއެމް ހޮސްޕިޓަލުގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، ގއ. ވިލިނގިލީ، ޕެންޒީއާގޭ، ޢުމުރުން 13 އަހަރުގެ މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ހާދިސާއާއި ގުޅިގެން މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ޙާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގާދިޔަ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ދެއްވުމަށް އަންގަވާފައެވެ. އަދި މިފަދަ ހިތާމަވެރި ޙާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލިމީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ކަމާ ގުޅުންހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެމަގުން ބަލިމީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ، އެދިވަޑައިގެންފައެވެ. އަދި ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް އައިލެންޑް އޭވިއޭޝަނުން ކަނޑައަޅައި އެގޮތަށް އަބަދުވެސް ޢަމަލުކުރަމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އެދިވަޑައިގެންފައެވެ.

އައިޖީއެމް ހޮސްޕިޓަލުގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކުކަމަށް ވިދާޅުވި ހިތާމަވެރި މިވަގުތުގައި، މަރްޙޫމްގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.

އަދި މިހިތާމަވެރި ޙާދިސާއާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ހެޔޮ ދުޢާތައް ވަނީ މަރުޙޫމާއި މަރުޙޫމްގެ ޢާއިލާއާ އެކުގައި ކަމަށް ވިދާޅުވެ މަރުޙޫމް ފުރާނައަށް، ހެޔޮ ރަހްމަތްލެއްވުމަށާއި މައިންބަފައިންނާއި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސްވަނީ ދުޢާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ