ލިޔުނީ: މަރްޔަމް އަދީލާ
މިއަހަރު ފުރަތަމަ ދެހަފްތާގައި ދައުލަތުން ކޮށްފައިވާ ޚަރަދު، މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ފިނޭންސް މިނިސްޓްރީން އާންމު ކުރި ސަރުކާރުގެ އާމްދަނީއާއި ޚަރަދުތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައިމިމަހު 11 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދު ވަނީ 836 މިލިޔަނަށް އަރާފައެވެ.
2023 ވަނަ އަހަރުގެ މި މުއްދަތުގައި 993.4 މިލިއަން ރުފިޔާ ނިމި ދިޔަ ސަރުކާރުން ވަނީ ހޭދަކޮށްފަ އެވެ.
‘ފިސްކަލް ޑެވެލޮޕްމެންޓްސް’ ރިޕޯޓުގައި ބުނާގޮތުން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ޚަރަދުތައް ހުރީ 148.2 މިލިއަން ރުފިޔާގައެވެ. އަދި, މި މަހުގެ 11އާ ހަމައަށް އެ އަދަދު ވަނީ 836.3 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ ރިކަރަންޓް ޚަރަދު ކަމަށްވާއިރު 25 ޕަސެންޓަކީ ކެޕިޓަލް ޚަރަދެވެ.
ރިކަރަންޓް ޚަރަދުގެ ތަފްސީލަށް ބަލާއިރު، އިދާރީ ހިންގުމަށް 361.8 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށް އަދަދަކެވެ. މިދިޔަ އަހަރު މި މުއްދަތުގައި އިދާރީ ހިންގުމަށް 511.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މުސާރައާއި އިނާޔަތްތަކަށް 4.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 5.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ރިކަރަންޓް ހަރަދުގެ އިތުރުންވެސް، ދައުލަތުގެ އެހެން ބައެއް ހަރަދުތައްވެސް މިދިޔަ އަހަރުގެ ފުރަތަމަ 11 ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 11 ދުވަހު ކުޑަކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވުނީ 49.9 ބިލިޔަން ރުފިޔާގެ ބަޖެޓެެކެވެ. މިދިޔަ އަހަރަށް ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކުރީ 42.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުމުގެ ކުރިން ޚަރަދުތައް ހަމަޖެއްސުމަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް ފާސްކުރެވުނެވެ.