- Advertisement -ad image

އިސްލާމިކް ޗެރިޓީ ފަންޑުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު ހަދިޔާ ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ އިސްލާމިކް ޗެރިޓީ ފަންޑުން، ކ. ގުރައިދޫގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 ‎ޒަމާނީ މެޑިކަލް އެނދު ހަދިޔާ ކޮށްފި އެވެ.

މި އެނދުތައް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަވާލުކޮށްދެއްވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. 

މި އެނދުތައް ހަދިޔާކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ އިހުސާންތެރިވުމަކީ އިސްލާމްދީން ނުހަނު ބާރު އަޅުއްވާފައިވާ ކަމެއް ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު އެއްމެ ބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ ތެރޭގައި ނިކަމެތިންނަށް އިހުސާންތެރިކޮށް ހިތުމާއި ފަޤީރުންނަށާއި މިސްކީނުންނަށް އަޅައިލުން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

“މުޖުތަމައުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އޯގާތެރިކޮށް ހިތުމަކީ އިސްލާމީ މުޖުތަމަޢުގެ އެންމެ މުހިންމު އިޖުތިމާޢީ އަޚުލާޤު.” – މިނިސްޓަރ ޝަހީމް

މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ މިސްކިތްތަކުގެ މަރާމާތަށް، ނުވަތަ ދީނީ ކަމަކަށް އެހީވުމަށް، އިސްލާމިކް މިިނިސްޓްރީއަށް ވަރަށް ގިނަ ރައްޔިތުން އެމީހުންގެ ޚައިރާތު ފައިސާ ޙަވާލު ކުރާކަމަށެވެ. އަދި މިއީ ޒަކާތު ފަންޑުގެ އިތުރުން މިސްކިތްތަކާ ޢާއްމު ހެޔޮ ކަންކަމަށް ޚަރަދުކުރުމަށް ރައްޔިތުން ހަދިޔާކުރާ ޞަދަޤާތް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިއަދު މެޑިކަލް އެނދު ހަދިޔާކުރީ އެ ޚައިރާތުގެ ތެރެއިންކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

އިސްލާމިކް މިނިސްޓްރީންގެ ފަންޑުން ޚަރަދުކޮށްގެން މިއަދު ހަދިޔާކުރި 32 ޒަމާނީ މެޑިކަލް އެނދުގެ ޚަރަދަކީ ފަސްލައްކަ ހަތަރު ހާސް ރުފިޔާ އެވެ. 

މިނިސްޓަރ ޑރ. ޝަހީމް އިތުރަށް ވަނީ ޚައިރާތާއި ޞަދަޤާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާކުރުން ރާއްޖޭގެ ކަންކަމަށް ހޭދަކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

“އަޅުގަނޑު އެދެނީ ރައްޔިތުން ޚައިރާތާއި ޞަދަޤާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާކުރުން ރާއްޖޭގެ ކަންކަމަށް ހޭދަކުރުމަށް. ނިކަމެތިންނަށާއި ޤުރުއާން ކުލާސްތަކަށާއި ޤުރުއާން މުބާރާތްތަކަށާއި ޖަމިއްޔާތަކަށާއި ރަށްރަށުގައި ލައިބްރަރީތައް ޤާއިމުކުރުމަށާއި ތައުލީމަށާއި އެހެނިހެންވެސް ހެޔޮ ކަންކަމަށް ޚަރަދު ކުރުމަށް. މިއިން ކޮންމެ ކަމަކީ ވެސް ހެޔޮ ކަމެއް.” މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

އަދި ޚައިރާތާއި ޞަދަޤާތުގެ ގޮތުގައި ހޭދަކުރުމަށް ބޭނުންވާ ބޭފުޅުން އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އެހީވުމަށާއި، އެ ޞަދަޤާތާއި ޚައިރާތު ހެޔޮ ކަންކަމަށް ވާޞިލްކޮށްދިނުމަށް މިނިސްޓްރީ އިން އަމާނާތްތެރިކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ އަރުވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ