ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވައިފި އެވެ.
އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމާއި، އެޓާރނީ ޖެނެރަލް އަހުމަދު އުޝާމުގެ އިތުރުން ހައުސިން މިނިސްޓަރު ކަމަށް ޑރ އަލީ ހައިދަރު އައްޔަން ކުރައްވާ ވަޒީރު ކަމުގެ ހުވާ މި ތިންބޭފުޅުންވެސް ކުރެއްވީ މީގެ އިރުކޮޅެއް ކުރިން ރައީސް އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.
މި ތިންބޭފުޅުންނަށް ވަޒީރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.
![](https://i0.wp.com/hiraas.com.mv/wp-content/uploads/2024/01/IMG_0311.jpeg?resize=696%2C464&ssl=1)
![](https://i0.wp.com/hiraas.com.mv/wp-content/uploads/2024/01/IMG_0312.jpeg?resize=696%2C464&ssl=1)
މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މި ތިން ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމީ ހަރުދަނާ އެއްވެސް ސަބަބެއް ނުދައްކައެވެ.
ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުއްވާފައިވަނީ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. މަޖިލީހުގައި ރުހުން ދިނުމުގެ މައްސަލަ ތިން މަސް ދުވަހަށް ވަނީ ދިގު ދަންމާލާފައެވެ.