މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނެގި މައްސަލައެއްގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނަގާފައިވާ މައްސަލައެއް މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން، 30 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވަގަށްނެގި ބައެއް ތަކެތި ހޯދާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހައްޔަރުކުރި ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނިގޮތުގައި މި ދެމީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު ހ. ތިމާވެށި ގެ އިން ވަގަށް ނަގާފައިވާ ބައެއް ތަކެތި، އެތަނުން އެކަކު ދިރިއުޅޭ ގެ އިން ފެނިފައިވާ ކަމަށެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނެއެވެ. މި ތަކެތީގެ އަގު މިލިއަނަކަށްވުރެ ބޮޑުކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.