ރައީސުލްޖުމްހޫރިއްޔާ ޤާނޫނާއި ޚިލާފު ނުވާހާ ހިނދަކު އަޒުލު ކުރުމަކީ، ނުވަތަ ޢަޒުލުކުރަން ހުށަހެޅުމަކީވެސް، ދިވެހިރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެކަމަށް މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
“އެކްސް”ގައި މިއަދު ގާސިމް ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޤާނޫނު އަސާސީ އާއި ޤާނޫނާއި ޚިލާފު ނުވާހާ ހިނދަކު، އަދި ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހާ ހިނދަކު، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ވެރިކަމާ ހަވާލުވެގަތުމަށްޓަކައި، އެއްވެސް ހަމައެއް ލަމައެއްނެތި ރައީސުލް ޖުމްހޫރިއްޔާ އަޒުލު ކުރުމަކީ، ނުވަތަ ޢަޒުލުކުރަން ހުށަހެޅުމަކީވެސް، ދިވެހިރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވަނީ ދައުރެއް ނިމެމުންދާ މަޖިލިސްއެއްގެ ތެރެއިން މިފަދަ ޢަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން އިއްޔެ ވަނީ ރައީސް ޑރ. މުއިއްޒު ވަކިކުރުމަށް އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފަ އެވެ.
އަދި ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ވެސް މެންބަރުން މިހާރު ސޮއިކޮށްފައިވާ ކަމަށާއި، އަދި ގަރާރު ހުށަހަޅާނީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ބެލުމަށްފަހު ކަމަށް އޭނާ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން ގާސިމް ވަނީ ރައީސްގެ ނޯކޮންފިޑެންސް ނުވަތަ އިތުބާރު ނެތްކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ހުރެގެންކަމަށް ވިދާޅުވެފަ އެވެ.
އަދި މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ޤައުމުގެ ދުސްތޫރީ ހަމަތަކާއި، ޑިމޮކްރަސީގެ އުޞޫލުތަކާއިވެސް މުޅީން ޚިލާފު ޢަމަލެއް ކަމަށާއި، މިފަދަ ޢަމަލުތަކުގެ ސަބަބުން ޤައުމަށް ލިބެގެންދާނީ އިތުރު ހިތާމައި ނިކަމެތިކަމެއް ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
“އެހެން ކަމުން ރައީސުލް ޖުމްހޫރިއްޔާ ޢަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް އަޅުގަނޑު ނަޞޭހަތްތެރިވަމެވެ.” ގާސިމް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ގާސިމް ވަނީ މިހާތަނަށް ރައީސް ޑރ މުއިއްޒު ވެރިކަން ކުރައްވަމުން އެގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި، ޤައުމަށް ކުރިއެރުން ހާޞިލް ކޮށް ދިނުމަށް ކަމަށް ވިދާޅުވެފަ އެވެ.
އަދި އެހެން ކަމުން ރައީސުލް ޖުމްހޫރިއްޔާ އަށް ޤާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ފުރުޞަތު ދޭންޖެހޭނެކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
މިލިޓަރީ ބޭނުން ނުކޮށް ނިންމިއްޖެއްޔާ އޯކޭ ނުވާނެތަ ؟