- Advertisement -ad image

ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ކަންކަން ހަމަޖައްސާނަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފެއްޓެވި ސިލްސިލާ “ރައީސްގެ ޖަވާބު” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސިލްސިލާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މިއަދު ޖަވާބުދެއްވީ، މަސްވެރިއެއްކަމުގައިވާ ހދ. ނޮޅިވަރަންފަރު، ހިޖުރަ، ޢަބްދުލްޣަނީގެ ސުވާލަކަށެވެ. ޢަބްދުލްޣަނީ ސުވާލުކުރައްވާފައިވަނީ މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމާ ގުޅޭގޮތުންނެވެ.

ޢަބްދުލްޣަނީގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހައި ރުފިޔާ ހަވާލުނުކޮށް ހުރި ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ދެފަހަރެއްގެ މަތިން، މިހާތަނަށް 200 މިލިޔަން ރުފިޔާ މަސްވެރިންނަށް ހަވާލުކުރައްވާފައިވާ ކަމަށާއި، އެހެންނަމަވެސް އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުދެވި ހުރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މިހާތަނަށް މަސްވެރީންނަށް ނުދެވިހުރި ހުރިހާ ފައިސާ ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމެވުމަށްކަމަށެވެ. އަދި އެއަށްފަހު، ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމުވެގެންދާނީ މަސްވެރިންނަށް ބޮޑެތި ޢަދަދުތަކުން ފައިސާ ނުދެވި ގިނަދުވަސް ހޭދަވާން ނުޖެހޭ ގޮތަށްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް، މި ސިލްސިލާގައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް، ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެއެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ

This will close in 5 seconds