- Advertisement -ad image

ސަރުކާރު ކުރިއަށްދަނީ ބަދަލުހިފުމުގެ ރޫޙު ނުގެންގުޅޭނެކަމަށްވީ ވަޢުދާ އެއްގޮތަށް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރު ކުރިއަށްދަނީ ބަދަލުހިފުމުގެ ރޫޙު ނުގެންގުޅޭނެކަމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ހިނގާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ނުދިނުން

ޤައުމަށް ހަމަޖެހުން އަންނަންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އެމަނިކުފާނު ކުރައްވާނެކަމެއް ނޫންކަމަށެވެ. އަދި އެ ރޮނގުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަވާނެކަމަށާއި، ހަމައެއާއެކު ޤާނޫނުގެ ވެރިކަން ކަށަވަރު ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރުޢީ ދާއިރާއަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުއްވާނެކަމަށާއި، އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިވަޑައިގެންފިނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުށްކުރާ މީހުންނަށް މަގުދައްކައިދީ އަލުން މުޖުތަމަޢަށް ގެނައުން

ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި، ސަރުކާރުން ޤާނޫނުތައް އެކަށައެޅުމުގައި ގެންގުޅޭ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުންކަމުގައި ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މަސައްކަތްކުރަނީ ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އެތަންތަނަކީ އޯގާވެރިކަމާއެކު އިޞްލާޙުކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް އެކިއެކި ކުށްތަކުގެ ތަޙްޤީޤުގައި، “ވާނުވާ”ގައި، ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށްޓަވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުތެރޭގައި ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމީ ވަހުދަތު ފުޅާކުރުން

މިއަދުގެ ރިޔާސީ ބަޔާނުގައި، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހައްޓައި، ރިވެތި އަޚްލާޤާއި ސުލޫކު މުޖްތަމަޢުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އަލުން އުފައްދަވާފައިވާކަން ފާހަގަ ކުރައްވައި، މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ 3 ގުނަ އިތުރުކޮށްފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން އާ 6 މިސްކިތް އަޅަން ހަވާލުކޮށްފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޕީ.އެޗް.ޑީ. ފެންވަރަށް އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާކަންވެސް އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުންނަށް، މި ދައުރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ދެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، މި އަހަރު ތެރޭގައި 50 ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ ޚަރަދުގައި ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރުމުގެ ގޮތުން ވަކި އޮފީހެއްގެ ގޮތުގައި “މޯލްޑިވްސް ޒަކާތު ހައުސް” ޤާއިމުކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަމަޟާންމަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ ޢަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑައެޅިގެންދިއުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިސްލާމީ މުނާސަބާތަކާއި ޤައުމީ މުނާސަބާތައްވެސް ދީނީ އަދި ޤައުމީ ފުރިހަމަ ރޫޙާއި އުފާ ފާގަތިކަމާއި އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން ފާހަގަކުރައްވާނެކަމުގައެވެ. މީގެ އިތުރުންވެސް ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ރޭވިފައިވާ މުހިންމު ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ