“ގެދޮރުވެރިޔާ” އަދި “ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ދިނުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ލިސްޓެއް ގެންގުޅޭ ކަމަށް ދެކެވޭ ވާހަކަ ރައީސް ދޮގުކުރައްވައިފި އެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް “ރައީސްގެ ޖަވާބު” ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތަކު ކުރި ސުވާލެއްގައި ބުނެފައިވަނީ ގޯއްޗާއި ފްލެޓު ދިނުމުގައި “މެޑަމް” ލިސްޓެއް ގެންގުޅުއްވާ ކަމަށް “ގޮތް ނޭނގޭ” މީޑިއާތަކުން ހަބަރު ފަތުރަމުންދާ ކަމަށެވެ. މި ސުވާލުގައި އެމީހާ އިޝާރާތްކޮށްފައިވަނީ ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުއިއްޒު ވަނީ އެއީ ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދަން ބަޔަކު ކުރާ މަސައްކަތުގެ ތެރެއިން އުފެދިފައި އޮތް ސުވާލެއް ކަމަށް ވިދާޅުވެފަ އެވެ.
އަދި މަނިކުފާނު ވިޔަސް، އަނބިކަނބަލުން ސާޖިދާ ވިޔަސް، ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ވިޔަސް ނުފޫޒު ފޯރުވައިގެން މި ސަރުކާރުގައި ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިނުގަނެވޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
މީގެއިތުރުން ރައީސްވަނީ ރައްޔިތުންގެ އެއްވެސް ކަހަލަ ހައްގަކުން މަހްރޫމް ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ފްލެޓު ނުވަތަ ގޯތި ލިސްޓް ކަމުގައި ވިޔަސް، އަދި އެހެން ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ކަމުގައި ވިޔަސް، އެކަން ކުރިއަށް ދާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކީގައި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
“މިހާރު ނެރޭ ލިސްޓް ނޫނީ އެ ކަހަލަ ކަމަކާ ގުޅޭ ގޮތުން އެ ދައްކާ ވާހަކައަކީ އެއްގޮތަކަށް ވެސް ހަގީގަތެއް ހިމެނޭ ކަމެއް ނޫން. އެއީ ދޮގު ވާހަކަތަކެއް ފަތުރައިގެން ފިތުނަ އުފައްދަން ދައްކާ ވާހަކަތަކެއް،” ރައީސް ވިދާޅުވި އެވެ.
“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށާއި އެކަމާ މެދުގައި އަމަލު ކުރާނެ ގޮތެއް ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.